ހަދަމުންދާ އިމާރާތެއްގެ ތެރެއަށް 17 އަހަރުގެ ފިރިހެން ކުއްޖަކު ވެއްދައި، ފޭރުނު މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 7:00 އެހާކަންހާއިރު ޖަނަވަރީމަގުން ހިނގާފައި ދިޔަ ފިރިހެން ކުއްޖާ، ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއަށް ވައްދައި އެކުއްޖާގެ އަތުން މޯބައިލް ފޯނަކާއި އަތުކުރީ ގަޑިއެއްގެ އިތުރުން ފައިސާ ފޭރިގަންފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ރޭ 10:00 ހާއިރު ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދުމަށް ކުރި މަސައްކަތުން އެމީހާ ހަމއްޔަރު ކޮށްފައި ވަނީ މަޖީދީމަގުގައި ހުންނަ ވަތަނިއްޔާ ހެޑް އޮފީސް ކައިރިން ރޭ 11:00 ހާއިރު ކަމަށެވެ.

އެމީހާ ހައްޔަރު ކުރުމަށް ފަހު ބަލައި ފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި 23 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 33 ފަހަރު ހުއްޓުވައި ސުވާލުކޮށް 19 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 10 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގިނަ އަދަދެއްގެ ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.