ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ މައުރަޒުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަަމަށް ސާކު ޗެމްބާ އޮފް ކޮމާސްގެ ރައީސް އަދި ވިޔަފާރިވެރިންގެ ޖަމްއިއްޔާ ނައިބު ރައީސް އިސްމާއިލް އާސިފު ވިދާޅުވެއްޖެ އެވެ.

ކާބޯތަކެތީގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު މައުރަޒު 'ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް' ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާސިފު ވިދާޅުވީ އެ މައުރަޒުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އެ މައުރަޒުގެ ސަބަބުން ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ބަދިގެ ސާމާނު ވިއްކާ ކުންފުނިތަކާއި ދާއިރާ އާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށަށް އައިސް ބައްދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށް އާސިފު ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ އެގްޒިބިޝަންތައް މުޅިން އެހެން ލެވެލް އަކަށް މިދިޔައީ. އެއީ މި އެގްޒިބިޝަންގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެއް މި ބޭއްވެނީ،" އާސިފު ވިދާޅުވި އެވެ.

ކަލިނަރީ ޗެލެންޖްގައި ރާއްޖެއާއި ބޭރު ގައުމުތައް ހިމެނޭގޮތަށް 450 ޝެފުން ބައިވެރިވެ އެވެ.

ވިޔަފާރި އަށް މަގުފަހިވާ ގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަމުންދާ ކަމަށާއި އެއީ ވަަރަށް 'ޕޮޒިޓިވް' ބަދަލެއް ކަމަށް އާސިފު ވިދާޅުވި އެވެ.

ސަރުކާރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވިޔަފާރީގެ ފުރުސަތުތައް ވަރަށް ބޮޮޑަށް ހުޅުވާލާފައިވާ ކަަމަށް ވެސް އާސިފު ވިދާޅުވި އެވެ.