ސްރީލަންކާގެ ކޮލަމްބޯ ޕްލޭން އާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެން ހިންގި ޔުނިވާސަލް ޕްރިވެންޝަން ކަރިކިއުލަމް ސީރީސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އެ ޕްރޮގްރާމަކީ ޑްރަގް ޕްރިވެންޝަން ދާއިރާގައި މަސައްކަތް ކުރާނެ ނެޝަނަލް ޓެރެއިނަރުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމެކެވެ. އެ ޓްރެއިނިން ޕްރޮގްރާމްގައި ތަމްރީނުކުރާ މީހުން ބޭނުންކޮށްގެން މުޖުތަމައުގައި އެހެންމީހުން ތަމްރީނުކުރާނެ އެވެ.

ޓްރެއިނިން ޕްރޮގްރާމާ ބެހޭ މައުލޫމާތު ދެއްވަމުން އެންޑީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު މެހެރީނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރެއިން ޕްރިވެންޝަން ސައިންސަކީ ކޮބާކަމާއި މަސްތުވާތަކެތީގެ ތެރޭގައި ހުންނަ ބައިތަކަކީ ކޮބާކަމާއި އެފަދަ ތަކެތިން އިންސާނުންގެ ހަށިގަނޑަށް އަސަރުކުރަނީ ކިހިނެއްކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މަސްތުވާތަކެތީގެ އަވާގައި ޖެހުމަކީ ބްރެއިން ޑިޒީޒް އެއް. އެހެންވީމަ އަޅުގަނޑުމެން މި ވިސްނަނީ މިސާލަކަށް މަސްތުވާތަކެތި ބޭނުންކުރާ މީހެއް އެކަމުން ޕްރިވެންޓް ކުރާނީ ކިހިނެއްކަން. އެވިޑެންސްގެ ބޭނުންކޮށްގެން އެމީހުންނާ ބިނާކޮށް ދިރާކޮށް ހަދާނެ،" މެހެރީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޓްރެއިނިންގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ޑްރަގް ޕްރިވެންޓް ކުރާނެ ގޮތާއި އޮފީސް މާހައުލުގައި އަދި ގިނަ މީހުން އެއްވެ އުޅޭ ތަންތާގައި ޑްރަގުން މީހުން ސަލާމަތްކުރެވޭނީ ކިހިނެތްކަން ބައިވެރިންނަށް އަންގައިދޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޑީއޭ ބޯޑުގެ ވައިސް ޗެއާ އައިޝަތު ވިޝާމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރުމަކީ މިއަދުގެ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުއްޓުވުމާގުޅޭ ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އަމިއްލަ ޖަމާއަތްތަކާ ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

މިމަހު ދެވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ބައިވެރިވެފައިވެ އެވެ.