11 Aug 2015, 13:24
ޝަރީއަތުން ހުކުމް އިއްވަންދެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުބަންދަށް ބަދަލުކުރަން ނެރުނު އަމުރު މުރާޖާކޮށްދިނުމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު އެދިވަޑައިގެންފިއެވެ.
އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފަށް އެޑްރެސް ކުރައްވައި ސުއޫދު މިއަދު ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި ވަނީ އިމްރާންގެ ސިއްޙަތު ދުވަހުން ދުވަހަށް ދައްވަމުންދާ ކަމަށެވެ. އެހެންކަމުން އިންސާނިއްޔަތުކަމުގެ ނަޒަރުން ބައްލަވައި އިމްރާން ޖަލުބަންދަށް ބަދަލުކުރުމަށް މިމަހުގެ ހަ ވަނަ ދުވަހު ނެރުނު އަމުރު މުރާޖާކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އިމްރާނަށް ލިބިދޭންޖެހޭ ފަރުވާ ލިބިދިނުން ޔަގީންކޮށް ކަށަވަރު ކުރުމަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ ހަވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަމުރުކުރައްވާފައިވާކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
"އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އަޅުގަނޑު އިއްޒަތްތެރި ގާޒީއަށް ދަންނަވާފައިވާނޭ ފަދައިން، މީގެ ތިން ހަފްތާކުރިން އިމްރާން އަބްދުﷲގެ އެމްއާރްއައި ޓެސްޓު ހަދައި، އިމްރާން އަބްދުﷲ އަށް ތެރަޕީ ދިނުމަށް ޑޮކްޓަރު ވަނީ އަންގަވާފައެވެ. އަދި 6 އޯގަސްޓް 2015 ގައި ވަނީ އިމްރާން އަބްދުﷲ އަށް ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސް ހުސްވެފައެވެ،" ސުއޫދުގެ ސިޓީގައި ވެއެވެ.
އިމްރާނަށް ޑޮކްޓަރު ދިން ބޭސް ވެސް ހުސްވެފައިވާއިރު، އޭނާގެ ބޭސްފަރުވާގެ ކަންތައް ހަމަޖެއްސުމުގައި ފުލުހުންނާއި ޕީޖީ އޮފީހުން މިއަދާހަމައަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ ސިޓީގައި ސުއޫދު ވަނީ ފާހަގަކުރައްވާފައެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ، އެމްޑީޕީއާ ބައިވެރިވެގެން "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
އިމްރާނުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.