11 Aug 2015, 12:52
ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް 55 މިލިޔަން ރުފިޔާގެ އަގަކަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.
ހދ. ކުޅުދުއްފުށްޓާއި ށ. ބިލެއްފައްސާއި ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފިނޭންސް ޕްރައިވެޓްލިމިޓެޑާއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމެވެ. އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ސިވަރާޖަ މަނިވަންނަން އެވެ.

ކުޅުދުއްފުށްޓާއި ބިލެއްފައްސާއި ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި އެންވަޔަރަންމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމާއި ކެޕިޓަލް އިންވެސްޓްމެންޓް ޕްރައިވެޓްލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ސިވަރާޖަ ސޮއިކުރައްވަނީ. ސަން ފޮޓޯ: ޔޫސުފް ޞަފްވާން
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޖަހާނީ 710 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮށްޓެކެވެ. 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމަސައްކަތް ހަވާލުކުރީ 19.2 މިލިޔަން ރުފިޔާގެ އަގަކަށެވެ. ށ. ބިލެއްފަހީގައި 510 މީޓަރުގެ ދިގުމިނުގައި ބޮޑުހިލައިގެ ކަނޑުތޮށްޓެއް ޖެހުމުގެ މަސައްކަތް ހަވާލުކުރީ 16.4 މިލިޔަން ރުފިޔާގެ އަގަކަށެވެ. އެއީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ބ. ތުޅާދޫގައި 355 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް 9.6 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
