ދެހާސް ނުވަ ވަނަ އަހަރު ރާއްޖޭގައި ހަދާފައިވާ ދިރާސާއެއް ދައްކާގޮތުން ހަ މަސް ވަންދެން ގާތުން ކިރުދޭ ކުދިންގެ ނިސްބަތަކީ 47.8 ޕަސެންޓް މައިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އޮގަސްޓް އެކަކުން ހަތަކަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގާތުން ކިރުދިނުމުގެ ހަފްތާ އާާ ބެހޭ ގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަ މަސް ވަންދެން ގާތުންކިރުދޭ މީހުންގެ ނިސްބަތް މަދު ނަމަވެސް 98 ޕަސެންޓް ކުދިންނަށް ގާތުންކިރުދޭ ކަމަށެވެ.

އެ ދިރާސާއިން ދައްކާ ގޮތުން ވިހާތާ އެއް ގަޑިއިރުތެރޭ ގާތުން ކިރުދޭ ނިސްބަތަކީ 64 ޕަސެންޓެވެ.

ގާތުން ކިިރުދިނުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވަޒީފާ އަދާކުރަމުންވެސް 6 މަސް ވަންދެން ގާތުންކިރު ދެވިދާނެ - މިކަން ކާމިޔާބު ކުރަމާ!" މި ޝިއާރެވެ.

ދަރިފުޅަށް ހަ މަސްވަންދެން ހަމައެކަނި ގާތުން ކިރުދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ހެލްތުން ބުނެ އެވެ.

ގާތުންކިރުދިނުމުގެ ފައިދާތަކުގެ ތެރޭގައި

  • ދަރިފުޅުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ރައްކާތެރިކޮށްދިނުން

  • ދަރިފުޅުގެ ވިސްނުން ތޫނުވުމަށް އެހީތެރިވެދިނުން
  • ދަރިފުޅާ މަންމަ އާ ދޭތެރެ އޮންނަގުޅުން ބަދަހިވުން
  • އުމުރާއި އެއްވަރަށް ބަރުދަން އިތުރުވުމަށް އެހީތެރިވެދިނުން
  • އެކިއެކި ޖަރާސީމުތަކުންޖެހޭ ބަލިތަކުން ދިފާޢުކޮށްދިނުން
  • އަދި މީގެ އިތުރުންވެސް ބޭރަށް ހިންގުން، ކެއްސުން، އަރިދަފުސް ރޯގާ، ކަންފަތުގައި ޖަރާސީމު އަށަގަތުން އަދި ކުޑަކަމުދާނިޒާމަށްޖެހޭ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދިނުން

ގާތުންކިރުދިނުމުގެ ސަބަބުން މައިންނަށް ލިބޭ ބައެއް ފައިދާތައް:

  • އުރަމަތީ ކެންސަރުންނާއި ރަހިމަށް ޖެހޭ ކެންސަރުން ރައްކާތެރިވޭ

  • މާބަނޑު ދުވަސްވަރު އިތުރުވާ ބަރުދަން ލުއިވުމަށް އެހީތެރިވޭ
  • ވިހެއުމަށް ފަހު އަންނަލޭ ސާފުވުމަށް އެހީތެރިވެދޭ

އެންމެ ފުރަތަމަ އަންނަ ކިރަކީ އެއްމެ މުހިއްމު ބައި

ކުއްޖާ އުފަންވުމާއެކު އެއްގަޑި އިރުތެރޭގައި ގާތުން ކިރުދޭން ފެށުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ފުރަތަމަ އަންނަ ރީނދޫ ކުލައިގެ ކިރަކީ ކާނާގެ މާއްދާތަކުން މުއްސަނދި އަދި ބަލިތަކުން ދިފާއުކޮށްދޭ އެއްޗެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ގާތުންކިރުދިނުމުގެ ފައިދާ މުޅި ގައުމަށް

ގާތުން ކިރުދިނުމަށްހުރި ގޮންޖެހުންތައް ކުޑަކުރެވިއްޖެނަމަ އެކަމުގެ ލާބަޔާއި މަންފާ މުޅިގައުމަށް ކުރާނެ ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މަސައްކަތުގެ މާހައުއުލުގައިވެސް ދަރިފުޅަށް ގާތުން ކިރުދެވޭނެ އިންތިޒާމް ހަމަޖެއްސުން ނުވަތަ ގާތުން ދިނުމަށްޓަކައި މަސައްކަތުގެ ތެރެއިން ލުއިފަސޭހަ ގޮތްތައް ހަދައިދިނުން ފަދަ ކަންކަމަކީ ވަޒީފާދޭ ފަރާތްތަކަށް ކޮށްދެވޭނެ ކަންކަމެއް ހެލްތުން ބުނެއެވެ.

އަދި ވަޒީފާއަށް ދިއުމުގެ ކުރިން ދަރިފުޅަށް ފަހުން ދިނުމަށްޓަކައި މަންމަގެ ގާތުން ކިރުނަގައި ރައްކާކުރުމާ މިކަމުގައި އާއިލާގެ މީހުންގެ އެހީތެރިކަމާ އެއްބާރުލުން ލިބެނިކޮށް، ހަމަސްވަންދެން ހަމައެކަނި ގާތުން ކިރުދިނުން ކާމިޔާބުކުރެވިދާނެ ކަމަށް ވެސް ހެލްތުން ބުނެއެވެ.