11 Aug 2015, 12:05
ކުރީގެ ރައީސް މުހައްމަދު ނަޝީދުު 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް މިހަފްތާ ނިމުމުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ޕީޖީ މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އިސްތިއުނާފުކުރަން ބޭނުންވާ ނުކުތާތަކާއި އެކު މި ހަފްތާގައި އިސްތިއުނާފަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
" އިސްތިއުނާފު ނުކުތާތަކާއި އެކު މިހަފްތާ ނިމުމުގެ ކުރިން އެމައްސަލަ [ނަޝީދުގެ އިސްތިއުނާފު މައްސަލަ] ހައިކޯޓަށް ހުށަހެޅޭތޯ އަޅުގަނޑުމެއް އެބަ މަސައްކަތް ކުރަން" ޕީޖީ މުހުތާޒު މުހުސިން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީ ނިންމުމާއި ގުޅިގެން ނަޝީދުގެ ވަކީލުން ވަނީ އިސްތިއުނާފު ކުރަން ބޭނުންވާ ކަންތައްތައް ލިޔުމަކުން ޕީޖީއަށް ހުށަހަޅާފަ އެެވެ. އެގޮތުންނަޝީދުގެ މައްޗަށް ކުރި ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުމަށް ޕީޖީގެ އަރިހުން ނަޝީދުގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.
ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ކަންތައްތައް:
- ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފަށްކަން.
- އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލަ އަކީ ޖިނާއީ އެހެން ދައުވާތައް ކުރާ އުސޫލުތަކާ އެއްގޮތަށް ފުލުހުން ތަހުގީގުކޮށްފައިވާ މައްސަލައަކަށް ނުވާތީ ޕީޖީ އިން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން.
- ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނު އަސާސީ އާއި ޕީޖީގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ވާތީ ޕީޖީން ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ބާތިލު ދައުވާއެއްކަން.
- ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާގައި ޓެރަރިޒަމްގެ ގާނޫނު ބުނެފައިވާ "ގަދަކަމުން ފޮރުވުމުގެ" ކުށުގެ އަމަލު ފުރިހަމަ ނުވާތީ ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން
- އަބްދުﷲ ގާޒީ ހައްޔަރު އެކަހެރިކޮށްފައި ވަނީ އެމްއެންޑީއެފް އިން ކަމަށްވާ އިރު އެ މައްސަލާގައި ނަޝީދުގެ އެއްވެސް އަމަލެއް ނެތްއިރު ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވާތީ އެވެ.