ގޫގަލްގެ އޮޕަރޭޓިން ސްޓްރަކްޗަރު އޯވަހޯލްކޮށް އެ ކުންފުނީގެ ބައެއް ހިދުމަތްތައް "އަލްފަބެޓް" އަށް ރީބްރޭންޑް ކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖީން ގޫގަލް އިން އެންމެން ސިއްސުވާލަމުން ހާމަ ކުރީ ކުންފުނި ރީބްރޭންޑް ކުރީ ތަފާތު ދާއިރާތަކުގެ ހިދުމަތްތައް ވަކި ކުރުމަށާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަ ކުރުމަށް ކަމަށެވެ.

އެ ރީބްރޭންޑްގެ ދަށުން ގޫގަލް އިން މަސައްކަތްތައް ކުރާނީ "ކްރިއޭޓިވް" ޕްރޮޖެކްޓްތަކުގައި ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޑްރައިވަރުން ބޭނުން ނުވާ ކާރު ފަދަ ތަކެތި އުފެއްދުން ހިމެނެއެވެ.

ހިދުމަތްތައް ވަކި ކުރުމަށް ގޫގަލް، އަލްފަބެޓަށް ބަދަލުކޮށް އަލްފަބެޓުގެ ދަށުން ހުރިހާ ހިދުމަތްތައް ހިންގުމަށް ވަނީ މިހާރު ގޫގަލް އިން ހަމަޖައްސާފައެވެ. އެގޮތުން ގޫގަލް ސާޗް އާއި އެޑްވަޓައިޒިން އާއި މެޕްސް އާއި އެޕްސްތަކާއި ޔޫޓިއުބް އަދި އެންޑްރޮއިޑް އެއިން އެއްވެސް ހިދުމަތެއް ރީބްރޭންޑް އެއް ނުކުރާނެ އެވެ. އެހެން ނަމަވެސް އެ ހިދުމަތްތައް ދެން ހިންގާނީ އަލްޕަބެޓް ގެ ދަށުންނެވެ.

އަލަށް ކުރި ރީބްރޭންޑާއެކު ވަކި ކުރާ ހިދުމަތްތަކުގެ ތެރޭގައި ގޫގަލް ފައިބާ އާއި އެ ކުންފުނީގެ ހާއްސަ ރިސާޗް ފެސިލިޓީ "އެކްސް ލެބް" ހިމެނެއެވެ. އޭގެ އިތުރުން ހާއްސަ ބަޔޯޓެކް ރިސާޗްތަކާއި ސްމާޓް ހޯމް ޕްރޮޑަކްޓްތައް ހިންގާ ޑިޕާޓްމެންޓްވެސް ހިންގާނީ އަލްފަބެޓްގެ ދަށުންނެވެ.

މި ގެނެވުނު ބަދަލާއެކު ގޫގުލްގެ އާ ސީއީއޯ އަކަށް ވާނީ، މިހާރުގެ ސީއީއޯ ލެރީ ޕޭޖްގެ ޑެޕިއުޓީއަކަށް ހުރި، ސުންދަރު ޕިޝާއީ އެވެ. އަދި ލެރީ ޕޭޖް ވެގެންދާނީ ގޫގުލްގެ މައި ކުންފުނި، އަލްފަބެޓްގެ ސީއީއޯއަށެވެ.