ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މިއަދު 11 ޖަހާއިރު ބާއްވަން ތާވަލު ކުރި ޝަރީއަތް ކެންސަލްކުރި ވަކި ސަބަބެއް ނޭނގެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮއްނާނީ މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ސުވާލުކުރުމަށް އައިޖީއެމްއެޗް ގެ ބޭފުޅަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުން ކަމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެމައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގާ ނިމިފަ އެވެ.