ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި، ސަންޖޭދަތު ދެދުވަސްވަންދެން ނުކައި ހުރެފި އެވެ. އިންޑިއާފެ މަޝްހޫރު ދުވަހު ނޫސް، "ޓައިމްސް އޮފް އިންޑިއާ" އިން މިކަން ރިޕޯޓުކޮށްފައި ވަނީ ސަންޖޭދަތުގެ އާއިލާގެ ވަރަށް ގާތް މީހަކާ އާ ހަވާލާދީ އެވެ.

އިންޑިއާގެ "ޔެރަވަދާ" ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފިލްމީތަރި ސަންޖޭދަތު ނުކައި ހުރީ އޭނާގެ ބޮޑުދައިތަ ރާނީ ބާލީ ގެ ޖަނާޒާއަށް ދާން ހުއްދަ ނުލިބުމުން ކަމުގައި ވެއެވެ.

ޚަބަރު ލިބޭގޮތުގައި ސަންޖޭދަތު ދަނީ އޭނާގެ ޖަލުގޮޅި ތެރޭގައި ކުޑަ ފައްޅިއެއް ހަދައި އެތާ ހިތާމަ ފާޅު ކުރަމުންނެވެ.

"އިރުއިރުކޮޅާ އޭނާގެ ލޯ ކަރުނުން ފުރޭ. އެކަމަކު އޭނާ ވާހަކައެއް ނުދައްކާ. ޔަގީނުން ވެސް އޭނާ އެހެރީ ވަރަށް ދެރަވެފައި،" ސަންޖޭދަތުގެ އާއިލީ އެކުވެރިޔާ ބުންޏެވެ.

ސަންޖޭދަތު ޖަލަށްލީ ގާނޫނާ ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައެވެ. އޭނާގެ ޖަލު ހުކުމަކީ 42 މަހެވެ.