11 Aug 2015, 10:44
ސޯޅަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވަދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް ދިމާވި މައްސަލައަކީ އެހެން ޓީމްތަކަށްވުރެ ތަޖުރިބާ މަދުވުން ކަމަށް ގައުމީ ޓީމްގެ ކޯޗް މުޙައްމަދު ޝާހިދު (ޝާޑް) ބުނެފިއެވެ.
ބަނގުލަދޭޝްގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ނޭޕާލްއަތުން ބަލިވި މެޗަށްފަހު ރޭ ސަންއަށް ދިން އިންޓަވިއުގައި ޝާޑް ބުނީ އިއްޔެގެ މެޗަކީ ޓީމްގައި ހިމެނޭ ކުޅުންތެރިން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗްކަމަށާއި ނޭޕާލް ޓީމްގެ ކުޅުންތެރިން ގިނަ ލަނޑުތައް ޖަހާފައި ހުރީ ބޮލުންކަމަށެވެ.
"ފުރަތަމަ ޖެހި ލަނޑު ފިޔަވައި ދެން ޖެހި ހަތަރު ލަނޑުވެސް ޖެހީ ނެގި ކްރޮސްތަކުން ހެޑިންއިން. ނަމަވެސް ރާއްޖޭގައި ތިބި ތަޖުރިބާ މަދު ކުޅުންތެރިންނަށް އެބޯޅަތައް ދިފާއު ކުރުމުގައި ވަރަށް ބޮޑަށް އުނދަގޫ ވެގެންދިޔަ،" ޝާޑް ބުންޏެވެ.
ޝާޑް ބުނީ މުބާރާތުގައި ވާދަކުރާ އެހެން ޓީމްތަކަށް ވުރެ ރާއްޖޭގެ ކުޅުންތެރިންގެ އުމުރުވެސް ހަގުކަމަށާއި ރާއްޖޭގެ ޓީމްގެ އެންމެ ދޮށީ ކުޅުންތެރިޔާއަށް އަދި އެންމެ 15 އަހަރު ކަމަށެވެ.

16 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗް ޝާޑް ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ/ ގައުމީ ޓީމް
"އެހެން ޓީމްތަކުގެ ކުޅުންތެރިން ރާއްޖޭގެ ޓީމަށްވުރެ ހަމަ ބޮޑެތި. ސްޓްރެންތުގެ ގޮތުންވެސް ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ވަރުގަދަ. އަޅުގަނޑުމެންގެ އެންމެ ދޮށީ ކުޅުންތެރިޔާއަށްވެސް 15 އަހަރުވީ މިކޮޅަށް އަންނަން ފުރި ރޭގައި،" ކޯޗް ބުންޏެވެ.
ޝާޑް އިތުރަށް ބުނީ މެންޗެސްޓާ އެކެޑެމީގައި ތަމްރީން ހަދާ އިސްމާޢީލް ޒާން އާމިރު ފިޔަވައި ޕްރޮފެޝަނަލް ސްޓައިލްގައި މެޗްތަކެއް ކުޅެފައިވާ ކުޅުންތެރިޔަކު ނެތް ކަމަށާއި ޒަންގެ ތަޖުރިބާ އެހެން ކުޅުންތެރިނާވެސް އޭނާ ހިއްސާ ކުރާ ކަމަށެވެ.
"މިކުޅުންތެރިން މުބާރާތަކަށް މިކުޅެނީ މާލޭގައި މިކުޅޭ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް. ނަމަވެސް އެމުބާރަތަކީވެސް ވަކި ފޯމޭޝަނަކަށް އެކުލަވާލައިގެން ޕްރޮފިޝަނަލް ރޭވުންތަކެއް ރާވައިގެން ކުޅޭ މުބާރާތެއް ނޫން،" ޝާޑް ބުންޏެވެ.