11 Aug 2015, 09:41
ޖިނާއީ ކުށެއްގައި ޖަލަށް ލާފައިހުރި ކުށްވެރިއަކު ނޯވޭގެ ރަށެއްގައި ހަދާފައިހުރި ޖަލަކުން ސާފްބޯޑެއް މަތީ ޕްލާސްޓިކު ފަކީރާއަކުން ފަލި ޖަހަމުން ޖަލުން ފިލައިފި އެވެ. ނޯވޭގެ ބާސްޓޯއީ ޖަލު ވެފައިވަނީ، ކުށްވެރިން "އިންސާނިއްޔަތާ ރައްޓެހި" ޖަލުތަކުގައި ބޭތިއްބުމުގެ ސިޔާސަތުގެ ރަމްޒެއްގެ ގޮތުގައެވެ.
ބާސްޓޯއީ ގެ މި ސެކިއުރިޓީ ކުޑަ ޖަލު މަޝްހޫރު ވެފަައިވަނީ ދަނޑުވެރިކަމަށާއި ކުށްވެރިން ފިލްމު ބެލުމާއި ބައިސްކަލު ދުއްވުމާއި މޫދަށް އެރުން ފަދަ ކަންތައްތައް ހުއްދަ ތަނެއްގެ ގޮތުގައެވެ. ޖަލު ވަށާ އެންމެ ކުޑަމިނުން ފެންސެއް ވެސް ލެވިފައެއް ނުހުރެއެވެ.

ބާސްޓޯއީ ޖަލުގެ އައްސޭރިފަށުގެ މަންޒަރެއް ---
ޖަލުން ފިލި މި ޒުވާން ކުށްވެރިޔާ ބެލިފައިވަނީ މުޖްތަމައަށް އޭނާގެ ފަރާތުން ނުރައްކަލެއް ނެތް މީހެއްގެ ގޮތުގައެވެ. އޭނާ ޖަލުން ފިލި ކަމަށް ބެލެވެނީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ ފިލަން ބޭނުންކުރިކަމަށް ބެލެވޭ ސާފްބޯޑާއި ޕްލާސްޓިކު ފަކީރާ ބާސްޓޯއީ އައިލެންޑުގެ ތިން ކިލޯމީޓަރު ދުރުގައި އޮންނަ މައިރަށުގެ ގޮނޑުދޮށަށް ލައްގާފައިވަނިކޮށް ވަނީ ފެނިފައެވެ.
"މިކަން ހިނގާދިޔަ ގޮތުގެ ވާހަކަ އަޑުއިވުމުން ހީވަނީ ވަރަށް ފިލްމީ ކަމެއްހެން. އެކަމަކު ސާފްބޯޑެއް ނޫންނަމަ ބޭނުންކުރާނީ އެހެން އެއްޗެއް. މި ރަށުން ފްލޯޓުވާ ޒާތުގެ އެއްޗެއް ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫން،" ބާސްޓޯއީ ޖަލު ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ ޓޮމް އެބަހާޓް ބުންޏެވެ.
ގިނައިން މީހުންމަރާމީހުންނާއި ޖިންސީ ގޯނާ ކުރާ މީހުންނާއި މަސްތުވާތަކެތި ވިއްކާ މީހުން ބަންދު ކުރެވިފައިވާ މި ޖަލުގައި ކުށްވެރިން ލައްވައި ދަނޑުވެރިކަންކުރުވުމާއި ކެއްކުވުން ފަދަ އެތައް އަމަލީ މަސަތްކަތެއް ކުރުވައެވެ. މިކަމުގެ މައިގަނޑު ބޭނުމެއް ކަމުގައި ވެފައިވަނީ ކުށްވެރިން އަނބުރައި އާންމު ދިރިއުޅުމަށް ރުޖޫއު ވުމަށް އެހީތެރިވެދިނުމެވެ.
ބާސްޓޯއީ ޖަލުގައި ތިބި 115 ކުށްވެރިންގެ ތެރެއިން ގިނަ ކުށްވެރިން ކުރިން ބައިތިއްބާފައި ތިބީ ސެކިއުރިޓީ ވަރުގަދަ ޖަލުތަކުގައެވެ. އެމީހުން ބާސްޓޯއީ ބަދަލު ކުރީ އެމީހުން އެކަމަށް އެދުމުންނެވެ.
ބާސްޓޯއީ އަށް ބަދަލުވާން އެދޭ ކުށްވެރިން ސްކްރީންކޮށް ބާސްޓޯއީ ގައި ބޭތިއްބުން އެންމެ އެކަށީގެންވާ ކުށްވެރިން ހޮވާލެވެއެވެ.
މި ރީތި ކުޑަކުޑަ ރަށް ވަނީ މައިރަށާއި ފެރީގެ ހިދުމަތުން ގުޅާލެވިފައެވެ. މި ޖަލުން ފިލާ މީހުންގެ އަދަދު މަދުކަމުގައި ވިޔަސް، ފިލާ މީހުން އަނބުރައި މި ޖަލަށް ފޮނުވާލުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
"ފިލައިފި މީހަކަށް ރިޓާން ޓިކެޓެއް ނޯންނާނެ،" ޓޮމް ބުންޏެވެ.
ނޯވޭގެ ބާސްޓޯއީ ޖަލަކީ ރީތިކަމަށް ވެސް ވަރަށް މަޝްހޫރު ޖަލެކެވެ.