ކޮލަންބޯ (އޮގަސްޓް 10) : މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ނަމަވެސް އެކަމަށް ހުރަސްއެޅުމަށް ރައީސް މައިތިރިޕަލަ ސިރިސޭނާގެ ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ރާޖަޕަކްސަގެ ދަރިކަލުން ޔޮޝީތާގެ މައްޗަށް ކުރެވިފައިވާ މީހަކު މެރުމުގެ ފަހަތުގައިވާ ކަމުގެ ތުހުުމަތުގެ ތަހްގީގް ސަރުކާރުން ފެށުމާގުޅިގެން ރާޖަޕަކްސަ ވިދާޅުވީ މިދަނޑިވަޅުގައި އެތަހްގީގް ފެށުމުން ސުވާލުތަކެއް އުފެދޭ ކަމަށާއި މިއީ އޭނާ އިންތިޚާބުގައި ވާދަކުރައްވާ މައްސަލައާ ގުޅިގެން ސަރުކާރުން ފެށި ކަމެއް ކަމަށް ވެދާނެ ކަމުގަ އެވެ. ޔޮޝީތާގެ މައްޗަށް ކުރެވިފައި ވަނީ ސްރީލަންކާގެ ގައުމީ ރަގްބީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ވަސީމް ތާޖުއްދީންގެ މަރާލުމުގެ ޖަރީމާގެ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތެވެ. މިމައްސަލަ ސަރުކާރުން ތަހްގީގް ކުރަންފަށާފައި ވަނީ މި މައްސަލަ އަލުން ތަހްގީގު ކުރުމަށް ސްރީލަންކާގެ ޝަރުއީ ދާއިރާއިން އަމުރުކުރުމާ ގުޅިގެންނެވެ.

ރާޖަޕަކްސައާ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވަސީމްގެ މަރުގެ މައްސަލަ ރާޖަޕަކްސާގެ ސަރުކާރުން ވަނީ ގަސްދުގައި ތަހްގީގުނުކޮށް ދޫކޮށްލާފަ އެވެ. އެއީ ޔޮޝީތާގެ އެކަމުގެ ފަހަތުގައިވާތީ އެވެ. ރާޖަޕަކްސަ ވިދާޅުވީ ޔޮޝީތާގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމުގަ އެވެ. އަދި ކުރިން ވެސް އެ މައްސަލަ ތަހްގީގް ނުކުރީ އެހެންވެގެންކަމަށް ރާޖަޕަކްސަ ވިދާޅުވި އެވެ. ރާޖަޕަކްސަގެ ވެރިކަމުގައި އޭނާގެ އާއިލާގެ މެންބަރުން އުޅުއްވީ ގާނޫނުތަކުން މަތީގައި ބޭނުންގޮތަކަށް ކަމަށާއި އެބޭފުޅުންގެ ކޮރަޕްޝަން މައްސަލަތަކާއި ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަތައް ބެލޭނެއެއްވެސް ގޮތެއް އެދުވަސްވަރު ނޯންނަކަމުގަ އެވެ.

މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ އާއްމު އިންތިޚާބު ކާމިޔާބުގައި ރަޖަޕަކްސަ ކުރިމަތިލައްވާފައިވާ ގޮނޑި ކާމިޔާބު ކުރުމުގެ އިތުރުން އޭނާގެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދޭތޯ ރާޖަޕަކްސައާއި އޭނާގެ ސަޕޯޓަރުން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ވަސީމްގެ ހަށިގަނޑުގެ ފޮރެންސިކް ޓެސްޓްތައް ހެދުމަށް ޓަކައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގަބުރު ކޮނެގެން މިއަދު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރާޖަޕަކްސަގެ ވެރިކަމުގައި ގޮތްނޭނގޭ އެތައް މަރުގެ ޙާދިސާތަކެއް ހިނގާފައިވާ އިރު މީގެ ބައެއް ޙާދިސާތަކަށް އަޅައިނުލާކަމުގެ ތުހުމަތު ރާޖަޕަކްސަގެ ސަރުކާރުގެ މައްޗަށް ކުރެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)