12 Mar 2011, 16:17
މިހާރު ކުރިއަށްދާ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް ވޮލީބޯޅަ މުބާރާތުގައި ކުޅުނު 4 މެޗުންވެސް މޮޅުވެގެން ޕޮލިސް ކްލަބް 1 ވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށްޓަކާ ޕޮލިސް އިއްޔެ ހަވީރު މޮޅުވީ އަމިކާ ސްޕޯޓްސް އަތުންނެވެ. ނަމަވެސް މިއީ ޕޮލިހަށް ފަހަކަށް އައިސް އެންމެ ދަށް ނަތީޖާ ނެރެވުނު އެއް މެޗެވެ. މެޗުގެ ފުރަތަމަ ދެސެޓް ޕޮލިހުން ހޯދާފައިވަނިކޮށް އަމިކާ ވަނީ ފަހަތުން އަރާ 2 ސެޓް ހޯދާފައެވެ. އެހެން ނަމަވެސް ޕޮލިސް ނަތީޖާ ކަނޑައަޅާ ސެޓްގައި މޮޅަށް ކުޅެ 15-4ން ސެޓް ހޯދަ މެޗު ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ޖެހުންތެރިޔާ އައިޝަތު ނާޒިމާ އެވެ.
ޕޮލިސް ވަނީ އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުމުންވެސް ކުރި ހޯދާފައެވެ. ނިލަންދޫ ޔޫތު ލިންކޭޖް(ނީލް) އަތުންވެސް ޕޮލިހަށް މޮޅުވެވުނީ 5 ސެޓް ކުޅެގެން އެންމެ 2 ޕޮއިންޓްގެ ތަފާތަކުންނެވެ.
މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން 1 ވަނަ ޓީމު ސީދާ ފައިނަލަށްދާއިރު 2 ވަނަ އާއި 3 ވަނަ ޓީމު ޖެހޭނީ ފައިނަލަށްދާން މެޗެއް ކުޅޭށެވެ. އެމެޗުގައި ވާދަކުރާނެ އެއްޓީމަކަށްވާނީ ނީލް އެވެ. އަނެއް ޓީމަކަށްވާނީ ގުޑީސް އާއި އެމް އެސްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. މިހާރު މިދެޓީމު ވަނީ 6 ޕޮއިންޓުން އެއްވަރުވެފައެވެ.
ރޭ އަމީނިއްޔަ ވޮލީ ކްލަބާ ދެކޮޅަށް ނީލް ކުޅުނު މެޗުތަކާއެކު އެޓީމަށް ލީގުގެ މެޗުތައް ވަނީ ނިމިފައެވެ. ސީދާ 3 ސެޓުން ނީލް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ އެޓީމުގެ ޔުމްނާ އަބްދުލް އަޒީޒެވެ. އެޓީމަށް މިހާރުވަނީ 9 ޕޮއިންޓް ލިބިފައެވެ.