11 Aug 2015, 09:38
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ރުހުން ދީފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަންފުޅެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ކޮމެޓީ ރިޕޯޓު ހުށަހަޅުއްވައިދެއްވަމުން ކޮމެޓީގެ މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ރިޒާ ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން ބޭފުޅުންނަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ މެމްބަރުންގެ ޖުމުލަ އަދަދަކީ ފަހެކެވެ. އެ ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު މި އަހަރުގެ ތެރޭގައި ހަމަވެ އެވެ.
އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު މި މަހުގެ 17 ދުވަހު ހަމަވާނެ އެވެ.