11 Aug 2015, 09:17
ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ވިޔަފާރި ފެއާ، ކުންމިން ފެއާގެ ތީމް ގައުމަށް ރާއްޖެ ވުމަށް ޝައުގުވެރިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޝައުގުވެރިވާ ކަން ރަސްމީކޮށް ޗައިނާ އަށް ދަންނަވާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މިއަންނަ އަހަރުގެ ތީމް ޑެސްޓިނޭޝަން އަކަށް ވުމަށް ޓަކައި އަޅުގަނޑުމެންގެ ޝައުގުވެރިކަން ހުރިކަން ޗައިނާ ސަރުކާރުގައި ދިވެހި ސަރުކާރުން ވަނީ ދަންނަވާފައި،" ސައީދު ވިދާޅުވި އެވެ.
ކުންމިން ފެއާ އަކީ ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ވިޔަފާރި ފެއާ އެވެ.
ކުންމިން ފެއާގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ބައިނަލް އަގުވާމީ އެހެން ކުންފުނިތަކާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ކަަމަށާއި ވަކިން ޚާއްސަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާ ފުުރުސަތުތަކެއް ހުޅުވިގެންދާނެ ކަަމަށް ސައީދު ވިދާޅުވި އެވެ.

ކުންމިން ފެއާގައި ހުރި ރާއްޖޭގެ ސްޓޯލަކަށް ބަޔަކު ޒިޔާރަތްކުރަނީ -- ސަން ފައިލް ފޮޓޯ
"ވިޔަފާރި އާ ގުޅުންތައް އުފެދި ވިޔަފާރީގެ އާ ފުރުސަތުތައް ލިބި އަދި ދުނިޔޭގެ އެކި ގައުމުތަކުން އިމްޕޯޓްކުުރުމުގެ ފުރުސަތު،" ކުންމިން ފެއާގެ ސަބަބުން ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިގްތިސާދީ އިންގިލާބެއް ބަދަލެއް ގެނައުމަށް މި ސަރުކާރުން ފަސްނުޖެހި މަސައްކަތްކުރައްވާނެ ކަަމަށް ވެސް ސައީދު ވިދާޅުވި އެވެ. ސަރުކާރުގެ އެއް އަމާޒަކީ އާ ސިނާއަތްތައް އުފެއްދުމާއި އަދި އެކިއެކި ސިނާއަތްތައް ތަރައްގީކުރުން ކަމަށް ސައީދު ވިދާޅުވި އެވެ.