ޓޫރިޒަމަށް ޚާއްސަކޮށްގެން އިޓަލީގައި ބާއްވާ އެއްމެ ބޮޑު ފެއާ "އެކްސްޕޯ މިލާނޯ 2015"ގައި ރާއްޖެއަށް ޚާއްސަ ދުވަހެއް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ބޮޑު ތަރުހީބެެއް ލިބިފައިވާ ކަަމަށް އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތުއެވެ.

އެކްސްޕޯ މިލާނޯ 2015 ގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްއެމްޕީއާރުސީ

މީގެ އިތުރުން ބޮޑުބެރު ޖެހުމާއި ނެށުންް ފަދަ ސަގާފީ ހަރަކާތްތައް ވެސް ވަނީ ބާއްވާފައެވެ.

" ރާއްޖެ ބައިނަލްއަގުވާމީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށާއި ރާއްޖޭން ކަނޑައަޅާފައިވާ 1.4 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް ދާން މީގެ ސަބަބުން އެހީތެރިވެދޭނެ،" އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެކްސްޕޯ މިލާނޯ 2015 ގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ

އެކެއް މޭގައި ފެށި މިލާން އެކްސްޕޯ މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ހަ މަސްދުވަހަށް ދެމިގެންދާ އެ ފެއާގައި ދުނިޔޭގެ 140 ގައުމަކުން ބައިވެރިވެއެވެ. އަދި އެ ފެއާއަށް 20 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިތުުރަށް މާކެޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޒިޔަތު ވަނީ އެކްސްޕޯގެ ކޮމިޝަނަރާ ވެސް ބައްދަލުކުރައްވައިފައެވެ.

އެކްސްޕޯ މިލާނޯ 2015 ގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު މިލާނީ އެކްސްޕޯ ކޮމިޝަނަރ އާއި ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެމްޕީއާރުސީ

އިޓަލީން ވަނީ 2014 ވަނަ އަހަރު ރާއްޖެއަށް 57862 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖޫން މަހު އެ ގައުމުން ވަނީ 2017 ޓޫރިސްޓުން ރާއްޖެ އައިސްފައެވެ. މިއީ ފާއިތުވި އަހަރާއި އަޅައިބަލާއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެކްސްޕޯ މިލާނޯގެ އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ ގައުމަކަށް ވެސް އެ ގައުމަކުން ބޭނުންވާ ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ދުވަހެއް ލިބިއެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވަނީ އިއްޔެއެވެ.