11 Aug 2015, 09:11
މިހާރަކަށް އައިސް މާލޭގެ މަގުތަކުން ދަތުރު ކުރުން ވެފައި ވަނީ ބޮޑު ވޭނަކަށެވެ. ހިނގާފައި އެތަނަކަށް ދިއުމަށް ނަގާވަގުތަށް ވުރެ ސައިކަލުގައި ނުވަތަ ކާރުގައި ގިނަ ފަހަރު ދެވޭނީ ލަހުންނެވެ. ބައެއް މީހުން މާލޭގެ މަގުތަކުގައި ވެހިކަލުގައި އުޅުން ސިފަކުރަނީ "ކަނޑުމަތީގައި ބޮއްކުރައެއްގައި ކަނބާފައި ދިއުން ފަދަ" ކަމަކަށެވެ. މާލޭގެ މަގުތަކުގައި މިހާ ބާރު ބޮޑުވެގެން މި އުޅެނީ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް ބައެއް ސަރަހައްދުތައް ބަންދު ކުރުމާ ގުޅިގެން ކަމަށް ބަޔަކުދެކެ އެވެ. ހާއްސަކޮށް އިސްލާމީ މަރުކަޒާ އިންވެގެން އޮތް ސަރަހައްދުތައް ބަންދު ކުރި ފަހުން އެހިސާބުން ދަތުރުކުރުން އެއީ އުނދަގޫ ކަމެކެވެ.
ގިނަ ސްކޫލުތަކެއް ހުރި ސަރަހައްދެއް ބަންދުކުރުން:
ދާދި ފަހުން ހައުސިން މިނިސްޓްރީން މާލޭގައި ދުއްވާ އެއްޗެހި ދުއްވާ ބައެއް މަގުތަކަށް ގެނެސްފައިވާ ބަދަލަކީ ވެސް މާލެ ތެރެ ބާރު ބޮޑުވުމުގެ އެއް މައްސަލަ އެވެ. މާލޭގެ އެންމެ ގިނަ ކުދިން ތައުލީމު ހާސިލު ކުރަމުންދާ ހަތަރު ސުކޫލެއް ހިމެނޭ ސަރަހައްދުގެ މަގުތަކަކީ މީގެކުރިން އެއްކޮޅަށް ދުއްވާ މަގުތަކަށް ވީ ނަމަވެސް މިހާރު އެ ސަރަހައްދުތަކުގެ ބައެއް މަގުތަކަކީ ދެކޮޅަށް ދުއްވޭ މަގުތަކެވެ. ހައުސިން މިނިސްޓްރީން އަންނަނީ އެ މަގުތަކުގައި ދުއްވާ އެއްޗެއްސަށް ދެކޮޅަށް ދުއްވޭ ގޮތަށް ފަސޭހަ ކުރުމުގެ ގޮތުން ހަނި މަގުތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.
ޓްރެފިކް މެނޭޖްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ކުރިން ވިދާޅުވީ، އެ ސަރަހައްދަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލުތައް އައިސްފައިވާ އިރު މުޅި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް ޕޮލިހުން ކުރަމުން ގެންދާ ކަމަށެވެ.
މާލޭގެ މަގެއްގެ މަތި: މި ދުވަސްވަރަކީ އިންތިހާއަށް މާލޭގެ މަގުތައް ބާރު ބޮޑު ދުވަސްކޮޅެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ފިޔަވަޅު އެޅުމުގެ ވިސްނުމެއް ފުރަތަމަ ދުވަސްކޮޅަކު އަޅުގަނޑުމެން ނުގެން ގުޅެން. އެކަންކަން ކިޔައިދީގެން ރައްޔިތުންނަށް މިވަނީ ކީއްކަން އެނގޭމިންވަރަށް އަޅުގަނޑުމެން އެތާ މަސައްކަތްކޮށްދޭނަށް މަގު ދެއްކުމަށް ޓަކައި،" ދާއޫދު ވިދާޅުވި އެވެ.
މާލެއާ އެކަށީގެން ނުވާ މިންވަރަށް ވެހިކަލް ގިނަވުން:
ފުރަ މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން އެރަށަކަށް ބިނާވެފައިވާ ރަށެކެވެ. މި ރަށުގައި 153،379 މީހުން ދިރިއުޅޭއިރު މަގުތަކަކީ ހަލަބޮލިތަނެކެވެ. މާލޭގެ މަގުތަކަކީ އެންމެ ވަގުތެއްގައި ވެސް ކާރުބާރު ކުޑަ މަގުތަކެއް ނޫނެވެ. މުޅި މާލެއަށް ނުކަތާ ވަރަށް ދުއްވާ އެއްޗެހިތައް އެހާމެ ގިނަ އެވެ. މިއީ ވެސް މާލޭގެ މަގުތައް ކާރުބާރު ބޮޑުވުމުގެ ސަބަބަކެވެ. އެކަމުގެ ސަބަބުން މަގެއްގެ މަތީގައި ހިނގާފައި ތަނަކަށް ދެވޭ ވަރެއް ނުވެ އެވެ.
މާލޭގައި މިހާރު 49،605 އުނޅަދު ދުއްވަމުން ދެ އެވެ. މި ހުރިހާ އުޅަނދެއް ޕާކު ކުރާނެ ޖާގައެއް ނެތުމަކީ ވެސް މާލެ ތެރެ ބާރު ބޮޑުވުމުގެ އަނެއް ސަބަބެވެ. މި ހުރިހާ އުޅަނދެއް ޕާކު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ޖާގައަކީ އުޅަދަކަށް 1.5 މީޓަރެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައި ވަނީ އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ.
ދާއޫދު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް އަމާން ކުރަން ބޭނުންނަމަ މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރަންޖެހެ އެވެ.
ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ
"މާލޭގައި އެތެރެކުރާ ވެހިކަލްތައް އެތެރެކުރުމަށް ހައްލެއް އައިސްގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް [ފުލުހުންނަކަށް] ނުފެނޭ މާލޭގެ މަގުތައް އަމާން ވެގެންދާނެ ތަނެއް،" ދާއޫދު ވިދާޅުވި އެވެ.
ގަރާޖު ޖާގައަށްވުރެ ކާރުފަދަ އުޅަނދުތައް އިތުރުވުން:
މާލެއަށް ކާރު އެތެރެ ކުރެވެން ވަކި ހާއްސަ ގަވާއިދެއް އޮވެ އެވެ. އެއީ ކޮންމެ ކާރެއް ރަޖިސްޓްރީ ކުރެވެނީ އެންމެ ގަރާޖަކަށެވެ. ނަމަވެސް ޓްރެފިކް ޕޮލިހުގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު މާލެ ތެރެއަށް އެތެރެވެފައިވާ ގިނަ ކާރުތަކުގެ ތެރެއިން އެއް ގަރާޖެއްގައި ރަޖިސްޓްރީ ކޮށްފައިވާ އެތައް ކާރެއް އެބަހުރިކަމަށެވެ. އަދި އެ ކާރުތައް މާލޭގެ ހަނި މަގުތަކުގައި ބެހެއްޓުމުގެ ސަބަބުން ދުއްވާ އެއްޗެހި ދުއްވުމަށް އާންމު ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ދަންނަވަންތޯ މާލޭގެ އެއް ގަރާޖެއްގައި އެބަހުރި ފަންސާހުން ފަސްދޮޅަހުން ކާރުތައް ރަޖިސްޓުރީ ކޮށްފައި. މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މިގޮތަށް ގެންނަ ކިތައް ކާރުތޯ މާލޭގެ މަގުތަކުގައި ބަހައްޓާފައި އެ ހުންނަނީ. އާންމު ރައްޔިތުންނަށް ކިހާ ބޮޑު ތަކުލީފެއްތޯ އެހެން އެ ކާރުތައް ބަހައްޓާފައި ހުންނާތީ އެވަނީ. އެފަދަ ކާރުތައް އެހެން ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ގެއްލިގެން ދަނީ ބަރާބަރަށް އޮޕަރޭޓު ކުރާ ކިތައް ވެހިކަލްގެ ޕާކިން ޒޯނުތޯ،" އޮފިޝަލް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒު ސަރަހައްދު ބަންދު ކުރުން:
މިއީ މި ފަހަކަށް އައިސް މާލޭގެ މަގުތައް ބާރު ބޮޑުވާން ޖެހުނު އަނެއް ސަބަބެވެ. އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހަމައެއާ އެކު އިސްލާމީ މަރުކަޒުގެ ހަރިންމަ ބޮޑުކުރުމުގެ ގޮތުން އެ މިސްކިތުގެ ތެރެއަށް ވަދެގެންދާނެ ދެ މަގެއްގައި ދުއްވާ އެއްޗެއްސަށް ނުދުއްވޭ ގޮތަށް ބަންދު ވެސް ވަނީ ކޮށްފަ އެވެ.
ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރަނީ، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ މެދުޒިޔާރަތް މަގުގައި ތަޅުން އެޅުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ. އެއީ ޖުމްހޫރީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން އިރުން ހުޅަނގަށް ޗާންދަނީމަގާ ގުޅޭ ސަރަހައްދެވެ. އަދި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދުގައި އޮންނަ އަމީރު އަހުމަދު މަގުގެ ބައެއްގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.
އިސްލާމީ މަރުކަޒު ސަރަހައްދު ކައިރިން ދެކޮޅަށް ދުއްވޭ ގޮތަށް ހެދި މަގުތަކުގައި ޓުރެފިކް ފުލުހުން ހަރަކާތްތެރިވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"ވަރަށް އުނދަގޫވޭ އިނގޭތޯ. އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތީ ޓެކުސީ ކުރުން. އެކަމަކު މިހާރު އަޅުގަނޑުމެން މި ހިސާބުން [ޗާންދަނީ މަގު ސަރަހައްދު] ދަތުރެއް ނަގައިފިއްޔާ ދަތުރަކަށް އެންމެ ކުޑަ މިނުން އެބަ ހޭދަވޭ ބައި ގަޑިއިރު. ދަތުރަކަށް. މިއީ ވަރަށް ބޮޑު ވަރު ދެއްތޯ އެންމެ 25 ރުފިޔާ ހޯދަން ބައިގަޑިއިރުވީމަ،" ޓެކުސީ ޑުރައިވަރަކު ބުންޏެވެ.
ފުރަ މާލޭގެ މަގުތަކަށް ކުއްލިކައަށް ބަދަލު އައުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް ތަކުލީގުތަކެއް އިހްސާސް ކުރަން ޖެހޭނެ ކަމެކެވެ. އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުޅޭ މާލޭގެ މަގުމަތީގައި ދުއްވާ އެއްޗެހި މެނޭޖު ކުރުމަށް ގެނެވޭ ބަދަލަކީ ފުރިހަމަ ދިރާސާތަކަކަށް ފަހު ގެނެވޭ ބަދަލަކަށް ވާންޖެހެ އެވެ.