10 Aug 2015, 23:17
ސާފް ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފު ޗެންޕިއަންޝިޕުގައި މިއަދު ކުޅުނު މެޗު ނޭޕާލުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ.
މެޗް ފެށިގެން ތިން ވަނަ މިނެޓްގައި ނޭޕާލުން ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 18 ވަނަ މިނެޓްގަ އެވެ. އަދި ދެ ވަނަ ލަނޑު ކާމިޔަބު ކުރީ އޭގެ ދެ މިނެޓް ފަހުން 20 ވަނަ މިނެޓް ތެރޭގަ އެވެ.
އަނެއް ދެ ލަނޑު ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން 57 ވަނަ މިނެޓްގައި ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރިއިރު އަނެއް ލަނޑު ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު މިނެޓްގަ އެވެ.
ގުރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗްގައި ބުދަ ދުވަހު ނުކުންނާނީ އަފުގާނިސްތާނާ ދެކޮޅަށެވެ.
މުބާރަތުގެ ކުޅުން ފެށީ އިއްޔެ އެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.