ކީ ސްޓޭޖް އެކެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދެ ވޯކްޝޮޕެއްގެ ޖުމްލަ 84 ޓީޗަރުންނަށް ސެޓްފިކޭޓު ހަވާލުކޮށްފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕުގެ ބައިވެރިންނަށް ސެޓްފިިކެޓް ހަވާލު ކޮށްފައިވަނީ އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެންއައިއީ އިން ބުނި ގޮތުގައި މާލޭގެ 13 ސްކޫލެއްގެ ޓީޗަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދެ ކޯހުގެ ފުރަތަމަ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މާޗު މަހުގެ 26 އިން 28 އަށެވެ. އަދި ދެ ވަނަ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 29 އާއި 30 ގައި ކަމަށް އެންއައިއީ އިން ބުންޏެވެ.

މިރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒް މޫސާ

ޖުމްލަ 15 ގަޑިއިރުގެ މައުލޫމާތު ދިނުމާއި އަމަލީ ތަމްރީން ދީގެން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕުގެ މައިގަނޑު މަގްސަދަކީ މިއަހަރު ތަންފީޒުކުރި އާ މަންޖަހާ ގުޅިގެން ކިޔަވައިދިނުމުގެ ހަރުދަނާ މާހައުލެއް ގާއިމް ކުރުމާއި އެކްޝަން ރިސާޗްގެ މުހިއްމުކަން ޓީޗަރުންނަށް އަންގައިދިނުން ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ.

އެ ވޯކްޝޮޕްތަކުގައި އެކްޝަން ރީސާޗް ފަރުމާ ކޮށް ހިންގާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް އެންއައިއީ އިން ބުންޏެވެ. އޭގެ އިތުރުން ޑޭޓާ ހޯދާ އެތަކެތި އެނަލައިޒް ކުރާނެ ގޮތް ވެސް އެ ވޯކްޝޮޕްގައި ވަނީ ދަސްކޮށްދީފައެވެ.

މިރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒް މޫސާ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަންހަޖުގެ ދަށުން ކުދިންނަށް އުނގަންނައިދޭއިރު ބަލަން ޖެހޭނީ އެ ކުދިންނަށް މުޖުތަމައުގައި ބޭނުން ހިފޭނެ ކަންތައްތަކެއް ދަސްކޮށްދިނުން ކަމަށެވެ. އެގޮތުން އެ ލިބުނު ތަޖުރިބާގެ އެހީގައި ދަރިވަރުންތައް ތަމްރީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.