10 Aug 2015, 22:44
ރާއްޖޭގެ ބައެއް ރަށްތަކަށް ލައްގަމުންދަނީ މަތިންދާ ބޯޓުގެ ބައިތަކެއްތޯ ބަލައި ތަހުގީގު ކުރުމަށް މެލޭޝިއާ އިން ޓީމެއް ރާއްޖެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވެއްޖެ އެވެ.
ލިއާ މިއަދު ނެރުއްވި ބަޔާނަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދާ ތަކެތި ބަލައި އެއީ އެމްއެޗް 370ގެ ބައިތަކެއްތޯ ޔަގީން ކުރުމަށް ވަރަށް އަވަހަށް ޓީމެއް ފޮނުވާނެ ކަމަށެވެ.
"ޓީމެއް ވަރަށް ރާއްޖެއަށް ފޮނުވައި ރަށްރަށަށް ލައްގަމުންދާ ތަކެތި އެއީ ބޯޓުގެ ބައިތަކެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރާނަން،" ލިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ލިއާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ލައްގަމުންދާ ތަކެތީގެ ހަބަރުތަކުގެ ސަބަބުން އެމްއެޗް370ގައި ދަތުރުކުރި މީހުންގެ އާއިލާތަކަށް އިތުރު ނުތަނަވަސްކަން ލިބެމުންދާ ކަމަށެވެ.
އަދި އެއީ އެމްއެޗް 370ގެ ބައިތަކެއް ކަމަށް ބުނަން އަދި އަވަސ ްކަމަށް ވެސް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮއްތަކުން ފެންނަމުންދާ ތަކެއްޗަކީ މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ރަށްރަށުން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް އެކަމުގައި މީހުންގެ މެދުގައި ދަނީ ހިޔާލު ތަފާތުވަމުންނެވެ.
ރާއްޖޭގެ ގޮނޑުދޮށްތަކުން އެތަކެތި ފެނިގެން ރިޕޯޓުކުރަން ފަށާފައި ވަނީ ރީޔޫނިއަންގެ ގޮނޑުދޮށުން ފެނުނު މަތިންދާ ބޯޓުގެ ފިޔަގަނޑަކީ އެމްއެޗް 370 ގެ ބައެއްކަން މެލޭޝިއާއިން ޔަގީންކޮށްދިން ފަހުންނެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.