އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހި ކުރަން މޯލްޓާ އާއި ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު މޯލްޓާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއާޒް އެންޑް އިމްޕްލިމެންޓޭޝަން އޮފް ދި އިލެކްޓޯރަލް މެނިފެސްޓޯ ލުއިސް ގުރަކާ ބައްދަލު ކުރައްވައިފަ އެވެ.

މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި މޯލްޓާއާ ދެޤައުމުގެ ދޭތެރޭ އޮތް ގުޅުން ކުރިއަށް އޮތްތާގައި ވަރުގަދަ ވެގެންދާނެ ކަމަށާއި އެކަންތައް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ ދޭތެރޭ ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން އެމަނިކުފާނާއި މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު ވަނީ މިއަދު މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މޯލްޓާއަކީ އިންވެސްޓްކުރުމަށް ނަމޫނާ ޤައުމެއް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ބެހޭ ގޮތުން މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބަށް އެމަނިކުފާނު ވަނީ މައުލޫމާތު ދެއްވާފައެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިޞާދީ ދާއިރާ ފުޅާވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރައްވާފައިވެއެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މޯލްޓާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.