ހުޅުމާލެގައި އަލަށް ހިއްކި ބިމުގައި އެއްފަހަރާ އެންމެ ގިނަ ގަސް އިންދުމުގެ ރާއްޖޭގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ހުޅުމާލޭ ހިއްކި ބިމުގައި މިއަދު އެއްފަހަރާ އިންދާފައި ވަނީ 2000 ވުރެ ގިނަ ގަހެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ ހުޅުމާލެ ދެ ވަނަ ފިޔަވަހި ފެހި ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ ހަރަކާތުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ހުޅުމާލެ އާ ބިމުގައި 'ގްރީން ބެލްޓެ'އްގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުގައި އިންދާފައި ވަނީ ކުދި ރުށްތަކާއި ކާނި ގަސްތަކާއި ފުނަ ގަސްތަކުގެ އިތުރުން ހިޔާ ލިބޭ ބޮޑެތި ގަސްތަކެވެ. ގްރީން ބެލްޓެއްގެ ގޮތުގައި ތަރައްގީ ކުރަނީ ހުޅުމާލެ ހިއްކި ބިމުގެ މެދުތެރެ އެވެ.

ހުޅުމާލެގައި އަލަށް ހިއްކި ބިމުގައި އެއްފަހަރާ އެންމެ ގިނަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ

މިއަދު ފާހަގަ ކުރަމުންދާ ދަނޑުވެރިންގެ ދުވަހުގައި ހުޅުމާލެ އާ ބިމުގައި ގަސް އިންދުމުގެ ރެކޯޑު ގާއިމް ކުރުމުގައި ވަޒީރުންނާއި ސްކޫލް ދަރިވަރުންނާއި ފުލުހުންނާއި ހުޅުމާލޭ ރައްޔިތުން ބައިވެރިވި އެވެ.

ހުޅުމާލޭގައި އަލަށް ހިއްކި ބިމަކީ 245 ހެކްޓަރުގެ ބިމެކެވެ. މާލެއަށް ވުރެ ބޮޑު، އެ ބިން ފެހިކުރުމުގެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވީ މިއަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. ރައީސް ފައްޓަވައި ދެއްވި މަޝްރޫއުގެ ދަށުން، ސަރުކާރުގެ މުއައްސަސާތަކުން ދަނީ އެކި ދުވަސްމަތިން ހުޅުމާލެ އާ ބިމުގައި ގަސް އިންދަމުންނެވެ. އެންމެ ފަހުން އެ މަޝްރޫއުގެ ދަށުން ސިފައިން ވަނީ 500 ގަސް އެ ބިމުގައި އިންދާފަ އެވެ.

ހުޅުމާލެގައި އަލަށް ހިއްކި ބިމުގައި އެއްފަހަރާ އެންމެ ގިނަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ