ސިންގަޕޫރު (އޮގަސްޓް 10): ޔޫރަޕްގެ ގައުމުތަކަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަކުރާ މީހުންގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުދަށްވެ އިޖްތިމާއީ ފޭރާން ވީދެމުންދާ ކަމަށާއި އެ މީހުން އަނބުރައި ފޮނުވާލަންޖެހޭ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމޮންޑް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ގްރޫޕްތަކުގެ ގޮތުގައި ޣައިރު ގާނޫނީގޮތުން ޔޫރަޕަށް ހިޖްރަކުރާ މީހުންނަކީ ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި ހިޖްރަކުރާ ބައެއް ކަމަށާއި މިގޮތަށް އެންމެ ގިނަބަޔަކު ޔޫރަޕަށް ހިޖްރަކުރަމުން ގެންދަނީ އެފްރިކާގެ ގައުމުތަކުން ކަމުގަ އެވެ. ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ދެއްވި ބަޔާނެއްގައި ހާމޮންޑް ވިދާޅުވީ އެފްރިކާގެ ގައުމުތަކާއި އެނޫންގައުމުތަކުން ކޮންމެ އަހަރަކު ޔުރަޕަށް އެތަށް މިލިޔަން ބަޔަކު ހިޖްރަކުރަމުން ގެންދާއިރު އެ ހުރިހާ މީހުންނަށް މަރްޙަބާކިޔުމަކީ ޔޫރަޕްގެ ގައުމުތަކަށް ކުރެވޭނެކަމެއް ނޫނެވެ.

ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ މަގްސަދުގައި ޣައިރު ގާނޫނީ ގޮތުން ޔޫރަޕަށް ހިޖްރަކުރާ މީހުންގެ މައްސަލައަކީ މިހާރު ޔޫރަޕްގެ އަމަނާއި ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ވެސް ހާމޮންޑް ވިދާޅުވިއެވެ. މިފަދަ ޣައިރު ގާނޫނީ ހިޖްރައިގެ އޮއިވަރުތަކުގެ ސަބަބުން ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުދަށްވެ އިޖްތިމާއީ ފޭރާން ހަލާކުވެ އިގްތިސާދަށާއި އިޖްތިމާއީ ޚިދްމަތްތަކަށް ބާރުބޮޑުވަމުންދާ ކަަމަށްވެސް ހާމޮންޑް ވިދާޅުވިއެވެ.

އެފްރިކާގެ ބައްރުން ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖްރަކުރާ މީހުންގެ އިންސާނީ ހައްގުތަކަށް އިޙްތިރާމް ނުކުރާކަމުގެ ތުހުމަތު ޔޫރަޕްގެ މައްޗަށް ކުރެވިފައިވެ އެވެ. މިގޮތަށް ހިޖްރަކުރާ މީހުން ހިޔުމަން ޓްރެފިކިންގެ ޖަރީމާ ހިންގާ ޖަމާއަތްތަކުގެ އަތްދަށުގެ ކުދިކުދި ބޯޓުތަކުގައި މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް އެފްރިކާގެ ބައްރުން ޔޫރަޕްގެ ބައްރަށް ހިޖްރަ ކުރުމުގެ ތެރޭގައި މިއަހަރުގެ މިހާތަނަށް 2800 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. މިގޮތަށް ދަތުުރުކުރަނިކޮށް ކަނޑަށް ޣަރަގުވަމީހުން ގެ ފުރާނަ ސަލާމަތް ކުރުމަށް ޔޫރަޕުން މަސައްކަތް ކުރިނަމަވެސް އެދެވޭގޮތުގައި އެކަން ކުރަމުން ނުދާކަމަށް އދ. ން ބުނެއެވެ. މިގޮތަށް

ޔޫރަޕަށް ހިޖްރަކުރާ މުހާޖިރުން އެމީހުންގެ ގައުމުތަކަށް އަނބުރައި ފޮނުވާލުމަށް ގޮވާލެވޭ އަޑުތައް ވެސް ޔޫރަޕްގައި ދަނީ އިތުރުވަމުންނެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ހާމޮންޑް ވެސްވަނީ މުހާޖިރުން އެމީހުންގެ ގައުމުތަކަށް އަނބުރައި ފޮނުވާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ނުކުރެވެނީ ޔޫރަޕްގެ އިއްތިޙާދުގެ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާފައިވާ ގޮތުން އެކަމަށް ހުރަސް އެޅޭތީ މި ގާނޫނުތަކާއި ގަވައިދުތައް އިސްލާޙް ކުރަންޖެހޭކަމަށް ވެސް ހާމޮންޑް ވިދާޅުވި އެވެ. (ނޫސްއެެޖެންސީތައް)