12 Mar 2011, 15:53
މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން މިދިޔަ ހަފްތާތެރޭ ހައްޔަރުކުރި، އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ މީހާ، އިއްޔެ ރޭ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ ވިޔަފާރީގައި ފްރޯޑް ހެދުމުގެ މައްސަލައަކާ ގުޅިގެން އިންޓަޕޯލުން ހޯދަމުންދާ އިންޑޮނޭޝިޔާގެ މަލްޓި މިލިއަނަރެއް ކަމުގައިވާ ނާޑިއަން ކުއާކާ، 46 އެވެ.
އޭނާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ، އެ މަހުޖަނުގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޓަޕޯލުން ރެޑްނޯޓިސް ނެރުނީ ވިޔަފާރީގެ މުއާމަލާތެއްގެ މައްސަލާގައި އިންޑޮނީޝިއާގެ ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން، ފުލުސް އޮފީހަށް ހާޒިރުވެފައިނުވާތީ ކަމަށެވެ.
ޝާއިރު ވިދާޅުވީ، މިދިޔަ ހަފްތާގައި ދިވެހި ފުލުހުން އޭނާ ހައްޔަރުކުރީ ރީތި ރަށް ރިސޯޓުގައި ހުރެފައި ރާއްޖެ އިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށާއި ހައްޔަރުކުރުމަށްފަހު އޭނާގެ މައްޗަށް ފުރުން މަނާކުރުމުގެ އަމުރެއް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓު މެދުވެރިކޮށް ފުލުހުން ހޯދައިފައިވާ ކަމަށެވެ.
އެހެންނަމަވެސް، މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އެމީހާ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަދި އިންޑޮނީޝިއާ އާއި ރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއްގައި ސޮއިކޮށްފައި ނުވާތީ، އޭނާ ގާނޫނީ ގޮތުން އިންޑޮނީޝިއާގެ ފުލުހުންނާ ހަވާލުކުރެވޭނެ ގޮތެއް ނެތުމުން ފުލުހުން ވަނީ، އޭނާގެ މައްޗަށް ނެރުނު ފުރުން މަނާކުރުމުގެ އަމުރު ބާތިލުކޮށްދިނުމަށް އެދި މިދިޔަ ބުދަ ދުވަހު ކޯޓަށް ހުށަހަޅައިފައިވާ ކަމަށާއި ހަމަ އެދުވަހު ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްދީފަ ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.
އަދި އޭނާގެ ކްލައިންޓް ފުރައިގެންދިޔައީ އެ ކޯޓު އަމުރާ ގުޅިގެން އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ދޫކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ރާއްޖެ އާއި އިންޑޮނޭޝިޔާއާ ދެމެދު ނޯވޭ އެކްސްޓްރެޑިޝަން ޓްރީޓީއެއް. މާނައަކީ ކުށްވެރިން ބަދަލުކުރުމުގެ މުއާމަލާތެއް ދެ ގައުމުގެ މެދުގައި ކުރިއަށްގެންދިއުމުގައި ކިޔާ އެއްޗެއް މި އެކްސްޓްރެޑިޝަނަކީ. މިއެއް )މުއާހަދާއެއް( ދިވެހި ރާއްޖެއާއި އިންޑޮނޭޝިޔާ ސަރުކާރާ ދޭތެރޭ ނެތް. ނެތީމަކާ އިންޓަނޭޝަނަލް މުއާހަދާތައް ބުނާ ގޮތުން އިންޑޮނޭޝިޔާ ސަރުކާރަކާ އެމީހާ ހަވާލެއް ނުކުރެވޭނެ،" ޝާއިރު ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ، އެމީހާ އިންޑޮނޭޝިޔާގެ ފުލުހުންނާ ހަވާލުކުރެވޭނެ ގޮތެއް ނެތްއިރު، އިމިގްރޭޝަން ޤާނޫނު ބުނާ ގޮތުން އޭނާ އަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ވެސް ނުދެވޭނެތީ، ފުރުމުގެ ހުއްދަ ކޯޓުން ދިނީ ކަމަށެވެ.
"ދިވެހި ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ އަށް ވަނަ މާއްދާގައި އެބަބުނޭ ދިވެހި ރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިގެންނުވާ މީހުން. އެމީސްމީހުން ތެރޭގައި އެބަ އޮވޭ ދުނިޔޭގެ ގައުމެއްގައި އަދުލު އިންސާފަށް ފިލައިގެން އުޅޭ މީހުން،" ޝާއިރު ވިދާޅުވި އެވެ.
"އެހެންވީމާ، މީނާ އިންޑޮނޭޝިޔާ ފުލުހުން ހޯދާ މީހަކަށްވެފައި، އިންޑޮނޭޝިޔާގެ ޕޮލިސް ސްޓޭޝަނަށް މީނަ ހާޒިރުނުވުމާ ގުޅިގެން ނެރެފައިވާ އިންޓަޕޯލް ރެޑްނޯޓިސްއާ ގުޅިގެން މީނައަކީ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުން ދިވެހި ރާއްޖޭގައި ހުރުން ހުއްދަ މީހެއް ނޫން،" ސިންގަޕޫރުގައި ދިރިއުޅޭ އެ މަހުޖަނުގެ ވަކީލު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ރާއްޖެ އަށް އެކި ފަހަރުމަތިން އައިސްފައިވާ އެމީހާ މިފަހަރު ފުރައިގެން ދިޔަ ނަމަވެސް، ދެން ރާއްޖެ އާދެވޭނީ އިންޓަޕޯލްގެ ރެޑް ނޯޓިސް ބާތިލުކުރުމުންކަން ވަކީލު ފާހަގަކުރެއްވި އެވެ.
ޝާއިރު އިތުރަށް ވިދާޅުވީ، ސިންގަޕޫރަކީ އިންޓަޕޯލްގެ ހެޑް އޮފީސް ހުންނަ ގައުމަށްވެފައި، އެމީހާއާ ދެކޮޅަށް ސިންގަޕޫރު ފުލުހުން އެއްވެސް ފިޔަވަޅެއް އަދި އަޅައިފައިނުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
"ސިންގަޕޫރަކީ އިންޓަޕޯލްގެ ހެޑް އޮފީސް ހުންނަ ގައުމަކަށްވެފައި އިންޑޮނޭޝިޔާ ސަރުކާރުން ނެރުނު އަމުރަކަށްވާއިރު އޭނާ ކީއްވެގެން ކަމެއް ސިންގަޕޫރުގައި ހައްޔަރުނުކުރަނީ. އަޅުގަނޑަކަށް ވެސް ނޭނގޭ ކީއްވެގެން ކަމެއް. ސިންގަޕޫރަކީ މި ސަރަހައްދުގައި އޮތް އަދުލް އިންސާފުގެ ނިޒާމް އެންމެ ހަރުދަނާ އެއް ގައުމު،"
ޝާއިރު ވަނީ، އެ މަހުޖަނުގެ ކޭސް އޭނާ ނެންގެވީ ވަރަށް ބޮޑު ފީއެއް ދެއްކުމުން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. "އެ ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް. ހަމަ ނޯމަލް، އާއްމުކޮށް މައްސަލައެއްގައި ނަގާވަރުގެ ފީއެއް އަޅުގަނޑު ނެގީ. އެއީ ގައުމުވެސް 35،000ރ. އަށްވުރެ ބޮޑުއަދަދެއް ނޫން." އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު މިދިޔަ ހަފްތާތެރޭ ހައްޔަރުކޮށްފައިވާ ކަމަށާއި، ކަފާލާތުގެ ދަށުން ދޫކޮށްލައިފަ ހުރުމަށް ފަހު އެމީހާ މިހާރު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ފުރައިގެން ދިޔައީ އިންޑޮނޭޝިޔާ ފުލުހުންނާ އޭނާ ހަވާލުކުރެވޭނެ ގޮތެއް ނެތުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އޭނާ ފުރިއިރު، އެކަމަހާ ބެހޭ ހުރިހާ މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ނާޑިއަން ކުއާކާއަކީ ސިންގަޕޫރާއި އަދި އިންޑޮނޭޝިޔާގެ ގިނަ ވިޔަފާރިތަކުގެ ހިއްސާ އޮންނަ މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު 150 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާއާ ގުޅޭ ގޮތުން އިންޓަނެޓްގައި ޝާއިއުކޮށްފައިވާ ބައެއް ރިޕޯޓުތަކުން އެނގެ އެވެ.
އޭނާ ސިންގަޕޫރުގެ ސްޓްރެއިޓް ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނަނީ، އޭނާއާ ދެކޮޅަށް ކޮށްފައިވާ ފްރޯޑްގެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި އިންޓަޕޯލުގެ ރެޑް ނޯޓިސްއެއް ނެރެފައިވާ ކަމެއް ވެސް ނެނގޭ ކަމަށެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި، ނާޑިއަންގެ މައްސަލަ ފެންމަތިކޮށްގެން އުޅެނީ އޭނާގެ ކުރީގެ އަންހެނުންނެވެ. އޭނާގެ އަންހެނުން ވަރިވާން ހުށަހެޅި އިރު، 93 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި އޭނާގެ ފިރިމީހާ އަތުން ހޯދުމަށް ދައުވާކޮށްފައިވެ އެވެ. ނަމަވެސް، ނާޑިއަން އެކަމާ ކޯޓުގައި ދެކޮޅުހެދުމުން، އޭނާގެ އަންހެނުން ބަދަލު ހިފުމުގެގޮތުން ނާޑިއަންގެ ވިޔަފާރިއާ ގުޅޭ މައްސަލަ ފެންމަތިކުރީ ކަމަށް ވެއެވެ. އެދެމަފިރިންގެ 15 އަހަރު ދުވަހުގެ ކައިވެންޏަށް ދެކުދިން ލިބިފައިވާއިރު، ވަރީގެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ.