15 Apr 2010, 15:54
19:00
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގެ ގަވަރނަރ ޕްރިންސް ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސުޢޫދަށް ދިވެހި ސަރުކާރުން ހޫނު މަރްޙަބާއެއް ދަންނަވައިފި އެވެ.
ޕްރިންސް ސަލްމާން މިއަދު މެންދުރުފަހު ރާއްޖެވަޑައިގަތުމުން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޕްރިންސް ސަލްމާނަށް މަރުޙަބާ ވިދާޅުވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ އެވެ. އެއަށްފަހު، ޕްރިންސް ސަލްމާނަށް ވައިގެ ބަނދަރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އޮނަރ ގާޑެއް އެރުވި އެވެ.
ޕްރިންސް ސަލްމާން، މާލޭ ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން، ބޮޑުތަކުރުފާނު މަގުން ހިންގަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕްރިންސް ސަލްމާން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމީ، ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެ، ޕްރިންސް ސަލްމާނަށް ޝުކުރުއަދާކުރެއްވި އެވެ.
ޕްރިންސް ސަލްމާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅުގައި، ދިވެހި ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ޝުކުރުއަދާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ޕްރިންސް ސަލްމާން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގެއަށެވެ. އެއީ، ޕްރިންސް ސަލްމާންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އެވެ.