ވޮޝިންޓަން (އޮގަސްޓް 10): އެމެރިކާގެ ޓެކްސަސްގައި 8 މީހުން ހިމެނޭ އާއިލާއެއްގެ ހުރިހާ މެންބަރުން މަރާލާފައިވަނިކޮށް ފެނިއްޖެ އެވެ.

އެ އާއިލާގެ މެންބަރުންގެ މަރުވެފައިވާ ހަށިތައް ފެނިފައި ވަނީ އެ މީހުންގެ ގެއިންނެވެ. މި ގަތުލްއާންމު ހިންގި ކަމަށް ޝައްކު ކުރެވެނީ ޑޭވިޑް ކުވެންލީ ނަމަކަށްކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާ އަމާންދީފައި ވަނީ ޓެކްސަސްގެ ފުލުހުންނާ ބަދަލުކުރި ވަރުގަދަ ޙަމަލާތަކަކަށްފަހު ސަލާމަތް ނުވެވޭނެކަން ޔަގީންވުމާ ގުޅިގެންނެވެ. ޓެކްސަސްގައި ހުންނަ މިގެއަށް އެ ސްޓޭޓްގެ ފުލުހުން ގޮސްފައިވަނީ އެގޭގައި ބަޑިިޖެހުމުގެ ހާދިސާއެއް ހިނގަމުންދާކަމުގެ މައުލޫމާތު އަމިއްލަ ފަރާތަކުން ދިނުމާގުޅިގެންނެވެެ.

ފުލުހުން ދިޔުމާއެކު އެ މީހުންނަށް ފެނުނީ ބޮލަށާއި ހަށިގަނޑުގެ އެތަން މިތަނަށް ބަޑިޖަަހައި މަރާލާފައިވާ 8 މީހެއްގެ ހަށިތަކެވެ. އެއަށްފަހު ފުލުހުންވަނީ އެގޭގައި އުޅުނު ހަތިޔާރުއެޅި މީހާ ޑޭވިޑް ކުވެންލީއާ ބަޑިން ހަމަލާތައް ބަދަލުކޮށް ކުވެންލީ ހައްޔަރުކޮށްފައެވެ. ޓެކްސަސްގެ ފުލުހުން ބުނާގޮތުން މަރާލާފައިވާ 8 މީހުންނަކީ އެގޭގެ ވެރިމީހާ ކަމަށްވާ ޑިވައިން ޖެކްސަން (50 އަހަރު) އާއި އޭނާގެ އަންހެނުން ވެލަރީ ޖެކްސަން (40 އަހަރު) އާއި އެދެމަފިރިންގެ ހަ ދަރިންނެވެ. މި 6 ކުދިންގެ އުމުރު އުޅެނީ 6 އަހަރާއި 8 އަހަރާ ދެމެދުގައެވެ. މަރާލާފައި ތިއްބާ ފެނުނުއިރު މިހުރިހާ މީހުންގެވެސް އަތްފައިވަނީ ބަނދެފައެވެ.

ޓެކްސަސްގެ ފުލުހުން ބުނާގޮތުން ޑޭވިޑް ކުވެންލީ މިއާއިލާގެ ހުރިހާ މެންބަރުން އެއްކޮށް މަރާލީ އޭނާއާ އެއާއިލާގެ ބައްޕަ ޑިވައިން ޖެކްސަން އާދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. ޓެކްސަސްގެ ފުލުހުން މިހާރު ގެންދަނީ ޑޭވިޑް ކުވެންލީ އާ ސުވާލުކޮށް މިމައްސަލަ ތަހްގީގް ކުރަމުންނެވެ. ކުއެންލީ ގެންދަނީ މި 8 މީހުން މަރާލިކަމަށް އެއްބަސްވުމަށް ދެކޮޅުހަދަމުން ކަމަށް ވެއެވެ. (ނޫސްއެެޖެންސީތައް)