ފިލައިގެން ތ. ވިލުފުއްޓަށް ގޮސްްއުޅު ބިދޭސީއަކު އިއްޔެ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމުން ފިލައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ލ. ގަމުން ފިލައިގެން ވިލުފުއްޓަށް ގޮސްފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގަމުގައި މަަސައްކަތް ކުރާ އެ ބަންގްލަދޭޝް މީހާ ފިލައިގެން ވިލުފުއްޓަށް ގޮސްފައި ވަނީ އޭނާގެ ސްޕޮންސަރަށް ފިލަން ކަމަށާއި އޭނާ ފިލާފައި ވަނީ މުސާރަ ނުދީގެން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ފިލާފައި ވަނީ އެ ރަށުގައި އޭނާ ބަހައްޓާފައިވާ ތަނުގެ ފާރުމަތިން ފުންމާލައިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ކުއްޔަށް ހިފާފައި ވަނީ އާއްމު މީހެއްގެ ގެއަކަށްވާ އިރު އެތަނުގައި މީހުން ބަންދުކުރެވޭ ގޮތެއް ނުހުރެ އެވެ.

ފިލައިގެން އުޅޭ މީހާ ވިލުފުށިން ހޯދުމަށް ރަށުގެ ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.