ހައްޖާއި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް 100000 ރުފިޔާ އާއި ހަމައަށް ބަދަލުލިބޭ އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށްފައިވާ ކަމަށް އެލައިޑް އިންޝުއަރެންސުން ބުނެފިއެވެ.

ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން ސްކީމްގައި ބައިވެރިވުމަށް ދައްކަންޖެހޭނީ 1000 ރުފިޔާ އެވެ. އަދި އުމްރާއަށް ވަޑައިގެންނަވާ ފަރާތްތަކުން ދައްކަންޖެހެނީ 750 ރުފިޔާ އެވެ.

އެ ސްކީމްގެ ދަށުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ބައްޔެއް ނުވަތަ އެހެންވެސް ގޮތަކުން ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން ހޯއްދަން ޖެހޭ ސިއްހީ ފަރުވާ އާއި ޗެކިން ކޮށްފައި ހުންނަ ފޮށިފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށްފަހު އަނބުރާ ލިބުމުގައި ލަސްވެގެން ދިމާވާ ގެއްލުންތަކަށްވެސް ބަދަލުދެވޭނެ ކަމަށް އެލައިޑުން ބުނެއެވެ. އަދި މީގެ އިތުރުން ގަހަނާއާއި ފައިސާފަދަ އަގުހުރި ތަކެތި ގެއްލުމުންވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަދަލު ލިބޭނެ ކަމަށް އެލައިޑުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އިސްލާމީ ޝަރީއަތާއި އެއްގޮތްވާގޮތުގެ މަތިން ފަރުމާކޮށްފައިވާ އިންޝުއަރެންސް ސްކީމަކީ ހައްޖާއި އުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ދިމާވެދާނެ ނުރައްކަލަކުން ނުވަތަ ގެއްލުމަކުން އަރައިގަތުމަށް މާލީ އެހީ ފޯރުކޮށްދޭ އިންޝުއަރެންސް ސްކީމެއް ކަމަށް އެލައިޑުން ބުނެއެވެ.

މި އިންޝުއަރެންސް ސްކީމް ނަގަން ބޭނުންވާ ފަރާތްތަކުން ސްކީމަށް އެދޭ ފޯމާއި ޕާސްޕޯޓް ކޮޕީ އާއި ހައްޖު ނުވަތަ އުމުރާ ކާޑު ކޮޕީއެއް ހައްޖު ކޯޕަރޭޝަނަށް ހުށަހެޅުމުން އިންޝުއަރެންސް ލިބޭނެ ކަަމަށް އެލައިޑުން ބުނެއެވެ.