ޓެކްސީ ދަތުރު ކުރަމުންދަމުން ފަސިންޖަރުންގެ ހުއްދަޔާނުލައި އިތުރު ފަސިންޖަރުން އަރުވާ މައްސަލަ އިތުރުވެއްޖެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ މިހާރަކަށް އައިސް ޓެކްސީ ދުއްވާ ފަރާތްތަކުން ފަސިންޖަރުން ގޮވައިގެންކުރާ ދަތުރުގެ ތެރޭގައި އެ ފަސިންޖަރުންގެ އިޒުނައަކާނުލައި މަޑުކޮށް މަގުމަތީން އިތުރު ފަސިންޖަރުން ޓެކްސީއަށް އަރުވައި ދަތުރު ކުރަމުންދާ ކަމުގެ ޝަކުވާތައް ދަނީ ވަރަށް ގިނައިން އެ އޮތޯރިޓީ އަށް ލިބެމުން ކަމަށެވެ.

"[މީހަކު އަަރުވައިގެން] ދަތުރުކުރަމުން ދަމުން ގޮސް އެހެން މީހަކު އެޓެކްސީ އަށް ލީމާ އެއްކަލަ ކުރީގައި އަރާފައި އިންނަ މީހާ ހިތްހަމަ ނުޖެހިދާނެތާ ދެއްތޯ؟ އެ ގޮތަށް ހިތްހަމަ ނުޖެހުނީމާ މިހަދާގޮތަކީ އެމީހާ މިހުރި ތަނަށް ބާލުވަނީ. ބާލުވާފައި މިބުނަނީ ކަލޭ ހިތްހަމަ ނުޖެހެންޏާ މީގެން ފައިބާށޭ." ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ އެ އޮތޯރިޓީ އަށް ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު އެވަރުން އެކަން ރަނގަޅު ނުކޮށްފި ނަމަ ވަގުތީ ގޮތުން ހުއްދަ ހިފަހައްޓައި އެވަރުން ވެސް އިސްލާހު ނުކޮށްފި ނަމަ ހުއްދަ ބާތިލު ކުރާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.