އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން ވަކިވާ ނަމަ ނުވަތަ ވަޒީފާ އިން ވަކި ކުރާނަމަ ޕެންޝަން އިޔާޔަތް ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ފިނޭންސް މިނިސްޓްރީ އިންނާއި ޕެންޝަން އޮފީހުން ދެކޮޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިސްލާހަށް ހިޔާލު ހޯއްދަވައި މަޝްވަރާ ކުރެއްވުމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓުރީގެ ފަރާތުން ވަޑައިގެންނެވި އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއް ކުރާއިރު "ކޮސްޓު ބެނެފިޓް" ހައްދަވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަޖެޓު އިމްޕެކްޓެއް އެބަ އާދޭ. އެހެންވީމާ މީގައި ހުރި ޝޯޝަލް އަދި ފައިނޭންސް އަދި ކޮސްޓް ބެނެފިޓެއް ހެއްދެވުމަށް ފަހު ކުރިއަށް ގެންދިއުން އެއީ ފިނޭންސުން ރިކުއެސްޓު ކުރައްވާ ކަމަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޑިވިޝަންގެ ހެޑު އަލީ ރަޝީދު ވިދާޅުވީ ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރުމުން ދައުލަތުގެ ބަޖެޓަށް ވަރަށް ބުރަ ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އިސްލާހެއް ޕެންޝަން ގާނޫނަށް ގެނައުމުން ޕެންޝަން ފަންޑް ރަނގަޅު ގޮތެއްގައި ދެމެހެއްޓޭނެތޯ ތަހުލީލު ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ 2016 ވަނަ އަހަރު އޯވާ 400 މިލިއަން ރުފިޔާ ބަޖެޓަށް އެބަ އިތުރުވެގެން ދޭ. ދެހާސް ސަތާރަ ވަނަ އަހަރަށް ބަލާ އިރު އޯވާ 450 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެން އެބަދޭ. ދެހާސް އަށާރަ ވަނަ އަހަރަށް ބަލާލާއިރު އޯވާ 500 މިލިއަން ރުފިޔާ ބަޖެޓަށް އެބަ އިތުރު ވެގެންދޭ. ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން މިހާރު ވެސް އަޅުގަނޑުމެންނަށް މިއުޅެނީ ޑެފިސިޓު މެނޭޖު ނުކުރެވިގެން،" އަލީ ރަޝީދު ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވީ އާންމު އުސޫލެއްގެ މަތިން ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރަން "ސަޕޯޓު" ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ޕެންޝަން ލިބެމުން އަންނަ އުސޫލު ބަދަލުކޮށް މުޅިން ތަފާތު އަދި އާ އުސޫލަކަށް އަމަލު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

"އިންޓަނޭޝަނަލީ ވެސް ޕެންޝަން ލިބޭ އޭޖު އޮންނާނީ މައްޗަށް ޖައްސާފައި. އުސޫލެއްގެ ގޮތުން އެއީ ރަނގަޅު ކަމެއް،" މަނިކު ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރާއި 60 އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކަމަށެވެ.

ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. ނަމަވެސް މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 60 އަހަރު ކަމަށެވެ.

ޕެންޝަން ގާނޫނަކީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެކެވެ.

ދިވެހިރާއްޖޭގެ ރިޓަޔާމަންޓު ޕެންޝަން ސުކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތް ޕަސެންޓު އަދި މުވައްޒަފަކު ވަޒީފާ އަދާ ކުރާ ތަނަކުން ހަތް ޕަސެންޓު ޕެންޝަނަށް ދައްކަން ޖެހެ އެވެ.

ޕެންޝަން ފަންޑުގައި 3.5 ބިލިއަން ރުފިޔާ އެބަހުއްޓެވެ.