ސިކިއުރިޓީ ކެމަރާތަކުގެ ރެކޯޑިން ސިސްޓަމް ވަގަށް ނަގައި، ޓްރެވެލް އެޖެންސީއެއް ފަޅާލައިގެން 400000 އަށް ވުރެ ގިނަ ރުފިޔާ އާއި 19000 ޑޮލަރު ބަޔަކު ވަގަށް ނަގައިފި އެވެ.

ސޯސަންމަގުގައި ހުންނަ އިޒިޔާނޯ މޯލްޑިވިސް ފަޅާލައިގެން ވަގުން ވަދެ އޮފީހުގެ ބައެއް ތަކެއްޗަށް ގެންލުންދީ އަދި ފައިސާތައް ވަގަށް ގެންގޮސްފައިވާ އިރު އެ އޮފީހުގައި ހުރި ކެމެރާތަކުގެ ރިކޯޑިން ސިސްޓަމް ވެސް ވަނީ ވަގަށް ގެންގޮސްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ވަރަށް ތަޖުރިބާ ހުރި ބައެއް ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީގެ ވެރިޔާ އިސްމާއީލް ރަޝީދު [އިއްސެ] މިއަދު ވިދާޅުވި އެވެ.

"އެމީހުން ވަނީ ކެމެރާގެ ރެކޯޑިން ސިސްޓަމް ވެސް ވަގަށް ގެންގޮސްފައި. ގާތްގަނޑަކަށް 12 ވަރަކަށް އަހަރުވެދާނެ ދުވަހަކު ވެސް މިކަހަލަ ކަމެއް ނުވޭ،" އިއްސެ ވިދާޅުވި އެވެ.

އިއްސެ ވިދާޅުވީ އިއްޔެ ރޭ މެންމަދު 12:30 އެހާ ހާކަންހާ އިރު ބަޔަކު ވަދެ އޮފީސް ފަޅާލައިފައި ވަނީ އޮފީހުގެ ދޮރުތަކުގެ ތަޅުތައް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި އޮފީހުން 400000 ރުފިޔާ އާއި 19000 ޑޮލަރާއި ލިޔެކިޔުންތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޮފީހުގެ ބައެއް ޑިޕާޓްމަންޓްތަކުގައި ހުރި ޕެޓީ ކޭޝްތައް ވަގަށް ގެންދެވިފައި ނުވާ ކަމަށް ވެސް އިއްސެ ވިދާޅުވި އެވެ.

"އެކި ރޫމްތަކުގައި ސިޓީ އުރަތަކަށް އަޅާފައި ހުރި ފައިސާތަކެއް ނުގެންދޭ. އެމީހުން ކަބަޑުތައް ހޭވިއިރު ހީވަނީ އަޅައިނުގަންނަނީ ހެން." އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެއްލުނު ތަކެތީގެ ތެރޭގައި ބައެއް ބިދޭސީންގެ ޕާސްޕޯޓާއި އައިޑީ ކާޑް ހިމެނޭ ކަމަށާއި އޭގެތެރޭގައި ދެ ދިވެއްސެއްގެ ޕާސްޕޯޓް ވެސް ހިމެނިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އިތުރަށް ގެއްލިފައި ވަނީ ކޮން އެއްޗިއްސެއްތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްސެ ވިދާޅުވީ އިއްޔެ ރޭ ބަޔަކު އެ އޮފީހަށް ވަދެ، އޮފީސް ފަޅާލާފައި ހުރި ކަން އެނގުނީ އޮފީހަށް ފުލުހުންގެ ފޮރެންސިކް ޓީމުން ވަދެގެން ޗެކްކުރާ ކަމަށް އޮފީސް މުވައްޒަފަކު ގުޅާފައި ބުނުމުން ކަމަށެވެ.

"އަޅުގަނޑު ވެސް ގޭގައި ހުއްޓާ އޮފީހުގައި އުޅޭ ކުއްޖަކު ގުޅާފައި ބުނީ އެބައުޅެއޭ އޮފީސް ފަޅާލައިގެން. އަޅުގަނޑު އައިރު ފަޅާލާފައި ހުރީ. އޭރު ފުލުހުން އުޅޭ." އިއްސެ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.