އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ކާމިޔާބަށް ސަރުކާރުން އޭނާއަށް 350،000 ރުފިޔާ ފައިސާގެ އިނާމެއް ދެއްވައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި ކޮންޓިޖެންޓް މާލެ އައުމަށް ފަހު އެތުލީޓުންނަށް މަރުހަބާ ކިޔައި ހޯދި ކާމިޔާބުގެ އަގުވަންޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސާއިދަށާއި މެޑަލް ހޯދި އެހެން އެތުލިޓުންނަށް ފައިސާގެ އިނާމްގެ ރަމްޒީ ޢަދަދު ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު ޒުޙޫރެވެ.

ސާއިދަށް 350،000 ރުފިޔާ ލިބުނީ ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓްތަކުން ކަމިޔާބު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ސަރުކާރުން ކަނޑައެޅި އާ އޫސޫލުގެ ދަށުންނެވެ. އެގޮތުން ރަން މެޑަލް ހޯދުމުން ސާއިދަށް ވަނީ 250،000 ރުފިޔާ ލިބިފަ އެވެ. އަދި 200 މީޓަރު ދުވުމުގެ އިވެންޓުން ރިހި މެޑަލް ހޯދުމުން ސާއިދަށް ވަނީ 100،000 ރުފިޔާ ލިބިފަ އެވެ.

އެ އޫސޫލުގެ ދަށުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޓީމް އިވެންޓުން ރިހި މެޑަލް ހޯދި ފަރަތްތަކަށާއި ލޯ މެޑަލް ހޯދި އެތުލީޓުންނަށް ވެސް ފައިސާގެ އިނާމް ހަވާލުކޮށްދެއްވާފަ އެވެ.

ޓީމް އިވެޓުން ލޯ މެޑަލް ހޯދި ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

އަދި ރަންވަންލޯ މެޑަލް ހޯދި އެތުލީޓުންނަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ޓީމް އިވެންޓުން ރަން މެޑަލް ހޯދާ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައި ވީނަމަވެސް އައިއޯއައިޖީގައި ރާއްޖެއަށް ޓީމް އިވެންޓުން ރަން މެޑަލް ލިބިފައެއް ނުވެއެވެ.

އެތުލެޓިކްސްގެ 10،000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ރައްޖޭގެ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބެޑުމިންޓަން ފިރިހެން ޓީމް އިވެންޓްގެ ބައިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނޭ ނަޝީއު ޝަރަފުއްދީން އާއި ޒަޔާން ޝަހީދު ޒަކީއާއި ޙަސަން އަފްޝީން ޝަހީމާއި މުޙައްމަދު ސާރިދު އާއި މުޙައްމަދު ނަޝްފާންގެ އިތުރުން އަޖުފާން ރަޝީދަށް ވަނީ ކޮންމެ ކުޅުންތެރިޔަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

މީގެ އިތުރުން ސިންގަލް އިވެންޓުން ލޯ މެޑަލް ހޯދުމުން އަޖުފާނަށް ވަނީ އިތުރު 20،000 ރުފިޔާ ލިބިފައެވެ.

އެހެން ކަމުން އަޖުފާން ހޯދި ކާމިޔާބަށް ރައީސްގެ ފަރާތުން އޭނާއަށް ވަނީ 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބެޑްމިންޓަން އަންހެން ޓީމް އިވެންޓުން ލޯ މެޑަލް ހާސިލު ކުރި ޓީމްގައި ހިމެނުނު މައިސާ ޢަބްދުﷲ އާއި އާމިނަތު ޝަހުރުނާޒް މުސާ އާއި ނީލާ ނަޖީބާއި އާމިނަތު އަހްމަދުދީދީއަށް ވަނީ ކޮންމެ ކުޅުންތެރިޔަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

ޓެބަލް ޓެނިސް އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ވަނީ 15،000 ރުފިޔާގެ ފައިސަގެ އިނާމެއް ލިބިފައެވެ.

މީގެ އިތުރުން ޓީމް އިވެންޓުންނާއި އަދި ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދި ދެކުޅުންތެރިން ކަމުގައިވާ މުއީނާ މުޙައްމަދާއި ޑަބަލްސް އިވެންޓްގައި އޭނާގެ ޕެއާ އާމިނަތު ޝިއުރާއަށް ވަނީ ކޮންމެ ކުޅުންތެރިޔަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ސަރުކާރުން ކަނޑައެޅި އާ އޫސުލުގެ ދަށުން އިންޑިވިޖުއަލް ސްޕޯޓްސްއިން މެޑަލް ހޯދުމުން:

ރަން މެޑަލަކަށް - 250،000 ރުފިޔާ

ރިހި މެޑަލް - 100،000 ރުފިޔާ

ލޯ މެޑަލް - 20،000 ރުފިޔާ

ޓީމް އިވެންޓް ސްޕޯޓްސުން މެޑަލް ހޯދުމުން ކޮންމެ ކުޅުންތެރިޔަކަށް

ރަން މެޑަލް - 35،000 ރުފިޔާ

ރިހި މެޑަލް - 25،000 ރުފިޔާ

ލޯ މެޑަލް - 15،000 ރުފިޔާ