އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ އަވަސްކޮށްދިނުމަށް ޕްރިސިކިއުޓާ ޖެނެރަލް މިއަދު އެދިވަޑައިގެންފި އެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ނިހާން ސަން އަށް ވިދާޅުވީ އެ މައްސަލަ އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެދިވަޑައިގެންފައި ވަނީ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ކަމަށެވެ.

އިމްރާންގެ ގާނޫނީ ޓީމުން ވެސް މީގެކުރިން ވަނީ އެ މައްސަލަ އަވަސްކޮށްދިނުމަށް ތަކުރާރުކޮށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފިލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ، އެމްޑީޕީއާ ގުޅިގެން ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް އޭނާ ވާހަކަދެއްކުމުން މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ. އިމްރާން ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވި ބޭފުޅެއް ނޫން ކަމަށެވެ.