މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ކުޑަކިދިންނާ ގުޅޭ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަތައް ކަމުގައިވާއިރު، އެ މައްސަލަތަކުގައި އެންމެ ގިނައިން ޝާމިލް ވަނީ ފިރިހެން ކުދިން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަންހެން ކުދިން ޝާމިލްވެފައި ވަނީ މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރުމާއި ބަދުއަޚުލާގީ މައްސަލަތަކުގައެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި މުއްދަތުގައި ކުޑަކުދިން މަސްތުވާތަކެތި ބޭންކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އަންހެން ކުދިންގެ މެދުގައި މާރާމާރީގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ގަސްދުގައި މީހަކު މެރުމުގެ މައްސަލަތަކުގައި ދެ ކުދިން ޝާމިލް ވެފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނީ މަރުގެ މައްސަލަތަކުގައި ކުޑަކުދިން ބައިވެރިވާ ސަބަބެއް ކަމުގައި ބެލެވެނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގައި ކުޑަކުދިން ބައިވެރިކުރުވުން ކަމަށެވެ.

ކުޑަކުދިން ކުށްކުރުމަށް ދިމާވާ ގިނަ ސަބަބުތަކެއް ވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

  • ބޮޑުވަމުން އަންނަ ކުދިންގެ ދީނީ އަގީދާ ބަލިކަށިވުން

  • އާއިލާ ރޫޅުމާއި މައިންބަފައިންގެ އަރާރުން
  • މައިންބަފައިންނާއި އާއިލާ މެމްބަރުން ކުށުގެ ތެރެއަށް ވަނުމުން ކުއްޖާ ކުށުގެ ވެށީގައި އުޅެން ދިމާވުން
  • ކުއްޖާ ދިރިއުޅޭ މާހައުލު ރައްކާތެރިނުވުން. މައްސަލައެއްގެ ގޮތުގައި މިކަން ނުބެލުން ނުވަތަ ކަންދިމާވާގޮތުން ނުރައްކާތެރި މާހައުލު ބަދަލުކުރަން މައިންބަފައިން ބޭނުންނުވުން
  • ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ޝިކާރައަކަށް ވުމުން، ކުއްޖާއަށް ރައްކާތެރި ވެއްޓެއް ހޯދައި ނުދެވުމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވުން
  • ކުދިން ތަރުބިއްޔަތު ކުރުމުގެ ހުނަރު މައިންބަފައިންގެ ކިބައިގައި ނެތުން
  • ބޮޑެތި މީހުން ކުދިންގެ މައްޗަށް ނާޖާއިޒް ނުފޫޒު ފޯރުވައިގެން ކުދިން ލައްވައި ކުށްކުރުވުން
  • ރަށުން ބޭރަށް ކިޔަވަން ފޮނުވޭނެ ކުދިން ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ރާވައި، އެކުދިން އުޅޭ ނޫޅޭގޮތް ބެލުމުގައި ފަރުވާ ކުޑަކޮށްލުން
  • އަޚްލާގީ އަދި ތައުލީމީ ތަފާތު ސަބަބުތަކާއި ހުރެ ސްކޫލުން ފެއިލްވާ ކުދިންގެ ފެންވަރާއި ހުނަރާއި ގުޅޭ ތައުލީމާއި ހުނަރު އުނގަންނައިދޭނެ ފުރުސަތު ތަނަވަސްކޮށްދޭނެ އެކަށީގެންވާ ނިޒާމެއް ނެތުން
  • ކުދިންގެ ފުށުން ފެންނަ އަޚްލާގީ އަދި ކުށަށް އަރައިގަތުމުގައި އާއިލާއިންނާއި ސްކޫލްތަކުން ހަރުދަނާ ފިޔަވަޅު އެޅިފައި ނުވުން
  • މައިންބަފައިންނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވުން