ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ސާބިތުވެ މީގެ ކުރިން އޭޑީކޭގެ ސީނިއާ މެޑިކަލް އޮފިސަރެއްގެ މަގާމުގައި ހުރި ޑރ. އުސާމާ އަލީ އުމަރަށް ބައިލައްކަ ރުފިޔާ ދިނުމަށް އޭޑީކޭ އެންޓާ ޕްރައިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ އެގޮތަށް ހުކުމްކޮށްފައި ވަނީ އުސާމާގެ ފަރާތުން އޭނާ ވަޒީފާ އިން ވަކިކުރި މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުމުންނެވެ.

ރާއްޖޭގައި 14 އަހަރުވަންދެން ހިދުމަތްކުރި ޑރ. އުސާމާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އޭޑީކޭގެ ސީނިއާ މެޑިކަލް އޮފިސަރެއްގެ މަގާމުން ވަކިވާން ބޭނުންވާ ކަމަށް ބުނެ 2013 މެއި 8ގައި ތިން މަސް ދުވަހުގެ ނޯޓިހެއް އޭޑީކޭއަށް ދިން ކަމަށެވެ.

އަދި އެގޮތަށް ނޯޓިސް ހުށަހެޅުމުން ޑރ. އުސާމާ ވަޒީފާ އިން ވަކިވާނީ އެ އަހަރުގެ 8 އޮގަސްޓްގައި ކަމަށް ބުނެފައިވީ ނަމަވެސް 5 ޖޫންގައި ވަޒީފާ އިން ވަކިވާނެ ކަން އަންގައި ނޯޓިސް ދިނީ ގަވައިދާ ހިލާފަށް ކަމަށް ވެސް އެ މައްސަލާގައި ވަނީ ބުނެފަ އެވެ.

އެމައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ޑރ. އުސާމާ 5 ޖޫންގައި ވަޒީފާ އިން ވަކިކުރީ ގަވައިދާ ހިލާފަށް ނޫންކަން އޭޑީކޭއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އޭޑީކޭއިން ޑރ. އުސާމާ ވަޒީފާ އިން ވަކިކުރީ ގަވައިދާ ހިލާފަށްކަން އެނގޭން އޮއްނަ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ވަޒީފާ އިން ވަކިކުރުމުގެ ސަބަބުން 5 ޖޫން އިން 8 އޮގަސްޓާ ދެމެދު ޑރ. އުސާމާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 54،500 ރުފިޔާ ފައިސާ އިއްޔެ އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އޭޑީކޭގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

ޑރ. އުސާމާ މިހާރު ވަޒީފާ އަދާކުރަނީ އޭއެމްޑީސީ ކްލިނިކްގަ އެވެ. އޭގެ ކުރިން އޭޑީކޭގެ އިތުރުން އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.