މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފުންނަށް އެ އޮތޯރިޓީ އިން ލޯނު ނެގޭނެ ގޮތް ހެދުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވި އިސްލާހު ފާސްކުރީ 48 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ.

އިސްލާހުގައި ބުނެފައި ވަނީ މުވައްޒަފުންނަށް ލޯނުދޭން ޖެހޭ ގޮތްތައް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެކަންތައް ބެހެނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ. އެ އިސްލާހުގައި ބުނާ ތިން ބަޔަކީ ފްލެޓު ގަތުމާއި އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ މުވައްޒަފެއްގެ ދަރިއަކު މަތީތައުލީމު ހާސިލު ކުރުން ނުވަތަ ގޯތި އިމާރާތް ކުރުމަށް ލޯނު ދިނުމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އެ ނޫން އެހެން ކަމަކަށް ލޯނު ދޫ ކުރެވޭނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އެކަމަކީ އެދެވިގެންވާ ކަމެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރަށް ފެނިއްޖެ ހިނދެއްގައި ކަމަށެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އަލީ ފަޒާދު ވިދާޅުވީ، އެ އިސްލާހަކީ ވަރަށް ކުރީގެ ގާނޫނަކަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ އާއި މާލީ ސެކިއުރިޓީ އަދި ބޭންކިންގެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އެ ގާނޫނުތަކާއި މުވައްޒަފުންނަށް އިނާޔަތްތައް ދިނުމަށް އޮތް ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ.

އޭގެ އިތުރުން އެމްއެމްއޭގެ ގާނޫނުގައި "ބޭންކިން" އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ބޭންކިންގެ މާނައާއި އެމްއެމްއޭގެ ބޭންކިންގެ މާނައާ ދެމެދު ފުށުއެރުންތަކެއް ހުރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.