މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ކުރިއަށް އޮތް މުސްތަގުބަލުގައި އެކަންތައް ކުޑަކުރުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރާނެ ކަންތަކުގެ މައްޗަށް ގައުމީ ސިޔާސަތެއް އެކުލަވާލައި އެކަންތައް އިފްތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ތައްޔާރު ކުރި ސިޔާސަތަކީ ކުރިއަށް އޮތް 10 އަހަރަށް ބަލައި އެކަންތައް ހައްލު ކުރުމަށް ތައްޔާރުކޮށްފައިވާ ސިޔާސަތެކެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސިޔާސަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިއަދު އިފްތިތާހު ކުރި ސިޔާސަތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލެވޭ "ބްލޫޕްރިންޓް"އެއް ކަމަށެވެ.

އެ ސިޔާސަތު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ލަނޑުދަނޑިއެއް ހާސިލު ކުރުން ކަމަށް ތޯރިގު ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ލަނޑުދަނޑިއަކީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނޭ ގޮތް ހޯދުމެވެ.

ޖައްވަށް ބޭރު ކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް ހަކަތައިގެ މިންވަރު އިތުރު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ އެކަމަށް ހޭލުންތެރިވެފައިވާ މުޖުތަމައެއް ބިނާ ކުރުމަކީ ވެސް އެ ސިޔާސަތުގެ ލަނޑުދަނޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިޔާސަތުގެ އަނެއް ލަނޑުދަނޑިއަކީ ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއިވޭ ގައުމަކަށް ހެދުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިމާވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ދިމާވާ މައްސަލަތަކާއި ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.