10 Aug 2015, 12:55
ކާބޯތަކެތީގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު މައުރަޒު، "ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެ މައުރަޒު ހުޅުވައިދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ މައުރަޒުގައި އޮންނަ ކަލިނަރީ ޗެލެންޖަކީ ދިވެހި ޝެފުންގެ ހުނަރު ދައްކާލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަަމަށެވެ.
" އަޅުގަނޑު އުއްމީދުކުރަނީ ބޭރުގެ ތަޖުރިބާކާރު ޝެފުންނާއި ވާދަކޮށް ރާއްޖޭގެ ޝެފުން ވަނަތަކަށް އަންނާނެ ކަަމަށް،" ސައީދު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެގްޒިބިޝަންގައި -- ސަން ފޮޓޯ: އަލީ ނަސީރު
ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅުއްވަނީ ހުޅުވާލާފައިވާ އިގްތިސާދީ ސިޔާސަތެއް ކަމަށެވެ. އަދި ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ހުޅުވައިދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެ މައުރަޒުގައި 150 ފަރާތަކުން ބައިވެރިއެވެ. އަދި ރާއްޖެއާއި ބޭރު ގައުމުތައް ހިމެނޭގޮތަށް 450 ޝެފުން ބައިވެރިވެއެވެ. އެ މައުރަޒުގައި ބައިވެރިވުމަށް ދުނިޔޭގެ ޝެފުންގެ ބައިނަލް އަގުވާމީ ޖަމްއިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ޑަބްލިއުއޭސީއެސް) ދެ ޑިރެކްޓަރުން ވެސް ވަނީ ރާއްޖޭ ވަޑައިގެންފައެވެ.

ފުޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އެގްޒިބިޝަންގައި ދައްކާލުމެއް -- ސަން ފޮޓޯ: އަލީ ނަސީރު
އެ މައުރަޒުގައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކާއި އަދި ބަދިގެ ސާމާނު ވިއްކާ ގިނަ ކުންފުނިތަކަކުން ބައިވެރިއެވެ.
މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ހެނދުނު 10 އިން އިރުއޮއްސި ހަތަކަށް ދަރުބާރުގޭގައެވެ.