10 Aug 2015, 12:53
މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ދަމާފައި ހުރި ބޮކިފަތިތައް ދެން ބޭނުން ކުރާނީ ސަރުކާރުގެ އެކި ހަފްލާތައް ޒީނަތްތެރި ކުރުމަށް ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ މިނިވަން 50 އަށް ބޭނުންކުރި ބޮކި ފަތިތައް ކުރިއަށް އޮތް ތަނުގައި ބޭނުންކުރަމުން ގެންދާނީ ދައުލަތުގެ ފަރާތުން ބާއްވާ ހަފްލާތައް ޒީނަތްތެރި ކުރުމަށް ކަމަށެވެ.
"އެކި ކުލަކުލައިގެ ތަފާތު ޑިޒައިންތަކުގެ ބޮކި ފަތިތައް މިހުރީ. އެއީ ހަގީގަތުގައި ދައުލަތުގެ ފައިސާ. އެތަކެތި އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ އެކިއެކި ދައުލަތުގެ ހަފްލާތައް ޒީނަތްތެރި ކުރުމަށް. އެގޮތަށް ބޭނުން ކުރަމުންދާނީ ވެސް،" ތަޒްމީލް ވިދާޅުވި އެވެ.
އާންމު މީހުންނާއި އަދި އެ ނޫން ފަރާތްތަކަށް ވެސް ބޮކިފަތިތައް ހަވާލުކޮށްފައި ވާނީ ލިޔުމަކުން ކަމަށާއި އަދި އެއީ ކިހާ އަދަދެއްގެ ބޮކި ފައްޗެއް ކަން އެނގޭ ގޮތަށް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބޮކި ފަތިތައް ހޯމް މިނިސްޓްރީއާ ހަވާލުކުރުމުން އެތަކެތި އެ މިނިސްޓްރީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ތަޒްމީލް އަދި ވިދާޅުވީ އެންމެ ލަސްވެގެން މާދަމައިން ފެށިގެން ބޮކިފަތިތައް ނަގައި ހޯމް މިނިސްޓްރީއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ފަރާތްތަކުން ބޮކިފަތިތައް ނަގާފައި ހުރި ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން ބޮކިފަތިތައް ނަގާފައި ވަނީ ބޮކިފަތިތައް ގެއްލޭތީ އެވެ. އެގޮތުން މަގުތަކުގައި ދަމާފައި ހުރި ބޮކިފަތިތައް ކޮންމެ ވެސް ވަރަކަށް ވަގަށް ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
"އެއީ މަގުމަތީގައި ދަމާފައި ހުރި އެއްޗެހިތަކެއް. ވަގަށް ނެގުން ފަދަ ކަންކަން އެބަހިނގާ. ފުލުހުން ވެސް ޕެޓްރޯލު ކުރާ އިރު ބަލާ އެފަދަ ކަންކަން ހިނގާތޯ ވެސް. ނަމަވެސް ވަގަށް މާގިނަ ބޮކިފަތިތަކެއް ނަގާފައިހުރިކަން ފާހަގައެއް ނުކުރެވޭ،" ތަޒްމީލް ވިދާޅުވި އެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ މުޅި މާލެ ބޮކިފަތިތަކުން ޒީނަތްތެރިކޮށްފަ އެވެ.