ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ދެ މީހަކު ހުޅުމާލެއިން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެއިން ރޭ ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ރޭ 11:00 އެހާކަންހާއިރު ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެ ދެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޔޮޓް މެރީނާ ސަރަޙައްދު ގަސްތަކުގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ތިބި ތަން ބަލައި ފާސްކުރި އިރު 21 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެކާވީސް ފުޅި ބަނގުރަލާ އެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވާ އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ފުޅިއާ އެކު ފަސް މީހަކު އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.