10 Aug 2015, 10:28
ވޮޝިންޓަން (އޮގަސްޓް 10): ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާދެމެދު ސޮއިކޮށްފައިވާ ނިއުކްލިއާ އެއްބަސްވުން، އެމެރިކާގެ ކޮންގްރެސްއިން ތަސްދީގު ކުރިޔަ ނުދިނުމަށް ޓަކައި އެކަމުގެ ތެރެއަށް އިސްރާއީލު ވަންނަމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ، އީރާނުގެ ނިއުކްލިއަ އެއްބަސްވުން، ކޮންގްރެސްއިން ތަސްދީގު ކުރިޔަ ނުދިނުމަށް ޓަކައި އެމެރިކާގެ ދާޚިލީ ސިޔާސަތުގެ ތެރެއަށް އިސްރާއީލު ވަންނަމުންދަނީ ގަބޫލުކުރެވޭ ވަރަށް ވުރެ މާބޮޑަށްކަމަށާއި ބޭރުގައުމަކުން އެމެރިކާގެ ދާޚިލީ ކަމެއްގެ ތެރެއަށް މިވަރަށް ވަނުމަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ހިނގާފައިވާ ކަމެއްނޫންކަމުގަ އެވެ.
ކޮންގްރެސްއިން އީރާނުގެ ނިއުކްލިއަ އެއްބަސްވުން ތަސްދީގު ނުކޮށްފި ނަމަ އެއެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ފުރުސަތު އެމެރިކާއަކަށް ނޯންނާނެ އެވެ. ކޮންގްރެސްއިން އީރާނުގެ ނިއުކްލިއަ އެއްބަސްވުން ތަސްދީގު ކުރިޔަނުދިނުމަށް ޓަކައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެތަށް ދިމާއަކުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވަ އެވެ.
މީގެތެރޭގައި އެ އެއްބަސްވުން ތަސްދީގުކުރުމަށް ވޯޓު ނުދިނުމަށް ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި މެންބަރުންނަށް އެކިގޮތްގޮތުން ވިސްނައިދިނުމާއި ބާރުއެޅުމާއި ފައިސާގެ ދަޅަދެއްކުންފަދަ ކަންކަންވެސް ހިމެނެ އެވެ. އަދި އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ބޭނުންކޮށްގެން މިއެއްބަސްވުމުގެ ނުރައްކާ އިސްރާއީލަށް އޮތްކަމަށް ބުނެ އިދިކޮޅު ކޭންޕޭން ޖެއްސުން ހިމެނެ އެވެ.
ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުން މިއެއްބަސްވުމާ ދެކޮޅު ހައްދަވަނީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު އެޕާޓީގެ ކެންޑިޑޭޓަށް ލިބޭނެކަމުގެ އުންމީދުގަ އެވެ. އިސްރާއީލުން މިއެއްބަސްވުމާ އިދިކޮޅު ހަދަނީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ރޫޅާލައި ނައްތާލުމަށް އިސްރާއީލުން ރޭވި ރޭވުން މިއެއްބަސްވުމުގެ ސަބަބުން ނާކާމިޔާބުވެގެން ދިޔުމާއި ނިއުކްލިއަ ޕްރޮގްރާމް ސަލާމަތް ކުރުމުގެ ފުރުސަތު އީރާނަށް ލިބިގެން ދިޔުމެވެ.
އިސްރާއީލަކީ އެގައުމު ފިޔަވައި އެހެން ގައުމަކަށް ނިއުކްލިއަ މަދަނީ ޕްރޮގްރާމެއް ވެސް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ހަދާ ހައްދުފަހަނަޅާފައިވާ އިސްތިއްމާރީ ގައުމެވެ.
އިސްރާއީލުގެ ނިއުކްލިއަ ސިޔާސަތު މިގޮތަށް ހުރިއިރު އެގައުމަކީ ސިއްރިޔާތުގައި ނިއުކްލިއަ ހަތިޔާރު އުފައްދައިގެން އުޅޭ ގައުމެއްވެސް މެ އެވެ.
ކޮންގްރެސްއިން މިއެއްބަސްވުމާ ދެކޮޅުހަދައިފި ނަމަ އެކަން ބާތިލް ކުރުމަށް ވީޓޯގެ ބާރުގެ ބޭނުންކުރާނެކަމުގެ އިންޒާރުވެސް އޮބާމާ ވަނީ ދެއްވާފަ އެވެ. މިހެންވެއްޖެ ނަމަ ދެން ކޮންގްރެސްއަށް ޖެހޭނީ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން މިއެއްބަސްވުމާ ދެކޮޅު ހަދާށެވެ. މިއީ އިސްރާއީލު ކިތަންމެ ވަރަކަށް ދެކޮޅު ހެދިނަމަވެސް ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް މުރާސިލުން ބުނެ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ނިއުކްލިއަ އެއްބަސްވުމުގައި ސޮއިކުރީ ވެސް އެކަމާދެކޮޅަށް އިސްރާއީލު އަޑުއުފުލައި ކޭންޕޭން ކުރަމުން ގެންދަނިކޮށެވެ. (ނޫސްއެެޖެންސީތައް)