10 Aug 2015, 10:13
ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީން ހޯދައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނުން ފަށައިފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 18 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ، މީގެ ހަތަރު ދުވަސް ކުރިން ފެށި އެ މަސައްކަތް ފެށިދުވަހު އެކަނި ވެސް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އިއްޔެގެ ނިޔަލަށް ޖުމުލަ 18 ބިދޭސީ ސޭޓުން އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"މިއަދުވެސް ދާނެ، އެހާ ބާރު ސްޕީޑުގައި މި ނުގެންދެވެނީ އިދާރީ ކަންކަން ހަމަޖައްސަމުންދާތީވެ. އަނެއްކޮޅުން އަޅުގަނޑުމެން ރެއިޑްކުރަމުން މިދަނީ ބަލާނަމޭ ބުނަމުން،" ހަލީލް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންނަ ބިދޭސީ ސޭޓުންނަކީ އެމީހުންގެ ގައުމަށް ފޮނުވާލެވޭނެ މީހުން ކަމަށެވެ.
މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ނުބޭއްތިއްބުމަށް ތަކުރާރުކޮށް އަންނަނީ އަންގަމުންނެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގަޔާއި ފިހާރަތަކުގައި ސޭޓުންގެ ގޮތުގައި ތިބެ އެވެ.
ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 106 ފިހާރައެއް މިދިޔަ މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިކޮނޮމިކް މިނިސްޓްރީ އިން ޖޫރިމަނާކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.