10 Aug 2015, 09:55
އެޖެންޑާގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ހެނދުނު 9:00ގައި ފެށުމަށް ފަހު ކޮމެޓީތަކަށް އައިސްފައިވާ ބަދަލު އިއްވި އެވެ. އަދި އެއަށް ފަހު ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވާފައިވާ ސިޓީފުޅެއް މަޖިލީހަށް އިއްވެވި އެވެ.
އެ ސިޓީފުޅަކީ މިނިސްޓުރީ އޮފް ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ދަށުން ކ. ގުރައިދޫގައި ހިންގަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓުރީގެ ދަށަށް ބަދަލު ކުރުމާއި ގުޅޭ ސިޓީ ފުޅެކެވެ.
އެ ސިޓީފުޅު މަޖިލީހަށް އިއްވާ ނިމުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ.
އަދި މަނިޓަރީ ގާނޫނަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ދިރާސާ ކުރި މައްސަލަ މަޖިލީހަށް އިއްވި އެވެ. އެހެންނަމަވެސް އެ ރިޕޯޓަށް ބަހުސް ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެކަންޏެވެ.
އެހެންކަމުން ދެން މިއަދު މަޖިލީހުގައި އޮންނާނީ މަނިޓަރީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ވޯޓަށް އެހުން އެކަންޏެވެ. ވޯޓަށް އެހުން އޮންނާނީ މިއަދު 1:30ގަ އެވެ.
މަޖިލީހުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ މެދުކަނޑާލާފައިވާ އިރު ގާނޫނުތަކަށް ގެނައުމަށް މެމްބަރުން ހުށަހަޅުއްވާފައިވާ ތަފާތު އެކި އިސްލާހުތައް ކޮމެޓީ މަރުހަލާގައިވެ އެވެ.
ކޮމެޓީ މަރުހަލާގައިވާ ބައެއް ކަންކަމުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑުކުރަން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހަޅުއްވާފައިވާ އިސްލާހާއި ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރުމަށާއި ވަޒީފާ އިން މުސްކުޅި ކުރާ އުމުރު އަވަސް ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިސްލާހު ހިމެނެ އެވެ.
ހަމައެއާ އެކު މިނިވަން 50 އާ ގުޅިގެން ދިޔަ ހަރަދުތަކުގެ ތަފުސީލުތައް ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރަކު ވަނީ ހުށަހަޅާފައި އެވެ.