ޖަޕާނުގެ ނިއުކްލިއަ ޕްލާންޓެއް ގޮވައި، އެތަނުގައި މަސައްކަތްކުރަމުން ދިޔަ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ އެވެ.

އިއްޔެ އައި ބާރުގަދަ ބިން ހެލުމާއި ސުނާމީގެ ތެރޭގައި ކޫލިން ސިސްޓަމް ފެއިލްވެ އޯވާ ހީޓްވުމުގެ މައްސަލަ ކުރިމަތިވި ފުކުޝިމާގެ އެއް ނަންބަރު ޕްލާންޓް ގޮވައިފައި ވަނީ މިއަދު ޖީއެމްޓީ ގަޑިން 6:30 ގައި އެވެ. ވެރިރަށް ޓޯކިޔޯގެ އިރުއުތުރުން 250 ކިލޯމީޓަރު ދުރުގައި ހަދައިފައިވާ އެ ނިއުކްލިއާ އިންޖީނުގެ ކައިރީ 30 މިލިއަން މީހުންގެ އާބާދީއެއް އޮވެ އެވެ.

އެ ނިއުކްލިއާ އިންޖީނުގެ ގޮވުމުގެ ސަބަބުން ކައިރި ސަރަޙައްދުތަކުން ނިއުކްލިޔަ ރޭޑިއޭޝަންގެ އަސަރު ފޯރައިވާ ކަމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ. ޖަޕާނު ސަރުކާރުން އެކަން ކަށަވަރުކޮށްދީފައިވާ ނަމަވެސް، ރޭޑިއޭޝަން ލީކުވެފައިވާ މިންވަރެއް ހާމައެއް ނުކުރެ އެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުގައި ފުކުޝީމާ ނިއުކްލިޔަ ޕްލާންޓުން ބާރުގަދަ އަޑެއް ގޮވުމަށް ފަހު ދަނީ ގިނަ އަދަދަކަށް ދުން އަރަމުންނެވެ. އެ ޕްލާންޓުގެ ރިއެކްޓަރެއް ބަހައްޓައިފަ ހުރި އިމާރާތުގެ ފުރާޅުގެ ފޫގޮސްފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ނަމަވެސް، ޖަޕާނު ސަރުކާރުން އަދިވެސް ދަނީ މާބޮޑު ގެއްލުމެއް އެ ޕްލާންޓަށް ނުލިބޭ ކަމަށް ބުނަމުންނެވެ.

ޖަޕާނު ސަރުކާރުން ބުނަނީ، އެތަން އިންވެސްޓިގޭޓްކުރުމަށްފަހު ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް، މީގެ ކުރިންވެސް ޖަޕާނުގައި ހިނގައިވާ ނިއުކްލިއާ ލީކޭޖުތަކާ ގުޅޭ ގޮތުން ޖަޕާނު ސަރުކާރުން އޮޅުވާލުންތަކެއް ގެންގުޅެފައިވާތީ، މިއަދު ގޮވި ނިއުކްލިއާ ރިއެކްޓަރުން ރޭޑިއޯއެކްޓިވް މެޓީރިއަލްތަކެއް ލީކުވެފައިވާ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އަދި ސަރުކާރުން ދެމުންގެންދާ ޔަގީންކަމަށް ގިނަ ބަޔަކު އިތުބާރުނުކުރާ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުން ވަނީ ފުކުޝިމާގެ ނިއުކްލިއާ ރިއެކްޓަރުތައް ވަށައިގެން 20 ކިލޯމީޓަރު ދުރަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އަދި އެއާކޮންޑިޝަންތައް ނިއްވާލުމަށާއި އިސްކުރުތަކުން ފެން ބޭނުންކުރުމަށްވެސް ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގައިފަ އެވެ. އަދި ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި ނުކުންނައިރު ރަނގަޅަށް މޫނާއި ހަށިގަނޑު ނިވާކުރުމަށް ގޮވައިލައިފަ އެވެ.

ފުކުޝިމާގެ ނިއުކްލިއާ ޕްލާންޓް ގޮވުމާ ގުޅިގެން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން މިހާރު ވަނީ ހަރާކާތްތެރިވާން ފަށައިފައެވެ.

ޖަޕާނަށް އިއްޔެ ރިކްޓާ މިންގަނޑުން 8.9 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ފަސް ނިއުކްލިއާ އިންޖީނުގޭގައި މައްސަލަ ޖެހުމާ ގުޅިގެން، ފުރަތަމަ ފަހަރަށް އެގައުމުގައި ވަނީ ނިއުކްލިއާ ސްޓޭޓް އޮފް އިމަޖެންސީ ނުވަތަ ކުއްލި ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. ޖަޕާނު ޤާނޫނު ބުނާގޮތުން ނިއުކްލިއާ ރިއެކްޓަރެއްގައި މައްސަލައެއް ޖެހިއްޖެނަމަ ކުއްލި ހާލަތު އިއުލާންކުރަން ޖެހެ އެވެ.

ޖަޕާނު ރައްޔިތުން މިހާރު ތިބީ ނިއުކްލިއާ ލީކޭޖެއް ފެތުރިދާނެތީ، ބިރުވެރިކަމެއްގެ ތެރޭގަ އެވެ.