މަޝްހޫރު ޅެންވެރިޔާ ޑރ. އައްލާމާ އިގްބާލްގެ "ޝުޢާޢެ އުމީދު"ގެ ދިވެހި ތަރުޖަމާ ޝަރަހައާ އެއްކޮށް ނެރެފި އެވެ.

ޔުނިވަރސިޓީގައި މިރޭ އޮތް ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފެވެ. އެ ފޮތުގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ކޮށްފައި ވަނީ، ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ނ. ކުޑަފަރީ އަޝްރަފް އަބުދުއްރަހީމެވެ.

ފޮތް ނެރެދެއްވުމަށްފަހު ޑރ. މުހައްމަދު ލަތީފް ވަނީ އެފަދަ ފޮތެއް ތަރުޖަމާ ކުރައްވައި ދިވެހިންނާ ހަމައަށް ގެނެސްދިނީތީ އަޝްރަފަށް ޝުކުރު އަދާކުރައްވައިފައެވެ.

ޑރ. ލަތީފް ވިދާޅުވި ގޮތުގައި އެމަނިކުފާނު ސުކޫލް ޒަމާނުން ފެށިގެން އަޑުއަހައި އުޅުނު ޑރ. އައްލާމާ އިގްބާލްގެ ޅެމުގެ ޝަރަހަ ފޮތް ބަލައިލުމުން ވަރަށް ރަނގަޅަށް އެނގިގެން ދިޔަ ކަމަށެވެ. އަދި ވަކިވަކިން ޅެމުގެ ބައިތައް ވަރަށް ފުރިހަމައަށް މާނަކޮށްދެއްވާފައިވާ ކަމަށެވެ.

ޑރ. އައްލާމާ އިގްބާލަކީ އިންޑިއާއަށް އުފަން މަޝްހޫރު ޅެންވެރި އެކެވެ. "ޕޮއެޓް އޮފް ދަ އީސްޓް" ގެ ގޮތުން މަޝްހޫރުވެފައިވާ ޅެންވެރިޔާ ޑރ. އައްލާމާ އަވަހާރަވެފައި ވަނީ 1938 ގައެވެ. އޭރު އުމުރުފުޅުން 60 އަހަރެވެ.

މަޝްހޫރު ޅެންވެރިޔާ ޑރ. އައްލާމާ އިގްބާލްގެ "ޝުޢާޢެ އުމީދު"ގެ ދިވެހި ތަރުޖަމާ ޝަރަހައާ އެއްކޮށް ފޮތެއް ނެރުން: ސަންފޮޓޯ--ފަޔާޒު މޫސާ

ޑރ. އައްލާމާގެ ޝުޢާޢެ އުމީދުގެ ދިވެހި ތަރުޖަމާ ޝަރަހަ ކޮށްފައިވާ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ލަތީފް ވިދާޅުވީ، އެފަދަ މަސައްކަތަކީ ވަރަށް ބޮޑަށް މި ގައުމަށް ބޭނުންވެފައިވާ މަސައްކަތެއް ކަމަށެވެ. އަދި ޔުނިވަރސިޓީގެ ދަރިވަރަކު ދަސްވެނިވެގެން ކޮށްދީފައިވާ މަސައްކަތަކަށް ވާތީ އުފާކުރައްވާ ކަމަށާއި އެކަމަކީ ދިވެހި ޑިގްރީ ތައާރަފް ކުރުމުގެ މަގުސަދުގެ ތެރެއިން މަގުސަދެއް ކަމަށް ޑރ. މުހައްމަދު ލަތީފް ވިދާޅުވި އެވެ.

ޑރ. މުހައްމަދު ލަތީފް ވިދާޅުވީ، މީގެ ކުރިން ދިވެހިބަސް ކިޔަވައިދެމުންދިޔައީ ވަރަށް އާދައިގެ ފަންތިއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ދިވެހިބަހުގެ ޑިގްރީ ތައާރަފް ކުރުމުން އޭގެ ހަގީގި އިލްމީ ފަންތީގައި ދިވެހިބަސް މިހާރު ކިޔެވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.