09 Aug 2015, 23:00
ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރީ ވަރަށް ގިނަ ބަޔަކަށް ދަރާފައި ހުރުމުން ދަރަނި އަދާކުރަން ރުފިޔާ ހޯދަން ކަމަށް އެމައްސަލައިގެ ދައުވާ ލިބޭ ހ. އެވަޕީސް، އަބްދުﷲ ސޮފްވަތު ބުނެފައިވާ ކަމަށް ހެކިން ހެކިބަސް ދީފި އެވެ.
ސޮފްވަތުގެ އިތުރުން ދައުވާ އުފުލާފައިވާ ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.
މިއަދު ގާތްގަނޑަކަށް ހަ ގަޑިއިރަށް ދެމިގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގަން އޮޕަރޭޝަންގައި ހަރަކާތްތެރިވި ދެ ފުލުހަކު ހެކިބަސްދެމުން ބުނީ ހުޅުމާލޭ ޖެޓީމަތިން ފުލުހުންގެ ބެލުމުގެ ދަަށަށް ސޮފްވަތު ގެނެސް ފުރަތަމަ ސުވާލުކުރުމުން، ޑިންގީއަކީ މަހަށްގޮސް އުޅެމުން ހޮވި އެއްޗެއް ކަމަށް އޭނާ ބުނި ކަމަށާއި އަދި މަސްތުވާތަކެތު އެތެރެ ކުރި އެއްބަސްވެފައިވާ ކަމަށެވެ.
ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގައި ހުރީ ކިތައް ކިލޯތޯ ސުވާލުކުރުމުން އެއީ "ސަޕްރައިޒެއް" ކަމަށް ސޮފްވަތު ބުނެފައިވާ ކަމަށްވެސް ދެ ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ. އަދި އެތަކެތި ރާއްޖެ އެތެރެކުރީ "ގިނަބަޔަކަށް ދަރާފަ ވާތީ ދަރަނި އަދާކުރަން" ކަމަށް ސޮފްވަތު ބުނިކަމަށްވެސް ހެކިން ވަނީ ބުނެފަ އެވެ.
ނަމަވެސް ފަހުން އިސްމާއިލް އަދި ސޮފްވަތުގެ ހާޒިރުގައި އެ ޑިންގީއަކީ ކާކުގެ އެއްޗެއްތޯ ސުވާލުކުރުމުން އެއީ އެމީހުންގެ އެއްޗެއް ނޫންކަމަށް ދެ މީހުންވެެސް ބުނެފައިވާ ކަމަށް ހެކިން ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަގާފައި ވަނީ ހަ މީހެއްގެ ހެކިބަހެވެ. އޭގެ ތެރޭގައި ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އަދި ހުޅުމާލޭގެ އިތުރުން ދޫނިދޫގައި ހަަރަކާތްތެރިިވި ފަސް ފުލުހަކާއި މާލޭގައި ހަރަކާތްތެރިވި ފުލުހެއް ހިމެނެ އެވެ.
ކަނޑުމަތީގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންވެސް ހެކިބަސް ދެމުން ބުނެފައި ވަނީ އެމީހުން މިދިޔަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އއ. އަތޮޅުގައި ހަރަކާތްތެރިވީ ރާއްޖޭން ބޭރު ބަޔަކާއި ގުޅިގެން ދިވެހީންގެ ބަޔަކު މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ކަމަށެވެ.
އެގޮތުން "ވައިލެޓް" ނަމަކަށް ކިޔާ ދޯންޏަށް ފާރަލަމުން ދިއަކަމަށް ހެކިން ބުންޏެވެ. އަދި އެ ދޯނި އީރާނުގެ ބޯޓެއް ކައިރިއަށް އއ. އަތޮޅާ ދިމާލުން ބޭރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދަނިކޮށް ފެނުނު ކަމަށް ހެކިން ބުންޏެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ މާޗުމަހުގެ 10 ވަނަ ދުވަހު ވައިލެޓް ދޯނި މާލެ އަތޮޅަށް ވަންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން މާލެއަށް އައިރު ވައިލެޓް ދޯނި ޓީޖެޓީގައި ބަނދަރުކޮށްފައި އޮތް ކަމަށާއި، ފުލުހުން އެ ދޯންޏަށް އެރި އިރު އޭގައި ތިބީ ދޯނީގެ ކެޕްޓަންގެ އިތުރުން ބަންގްލަދޭޝް ތިން މީހުން ކަމަށް ހެކިން ބުންޏެވެ.
ދޯނީގެ ކެޕްޓަނާއި އެމީހުން ކުރި ދަތުރާއި ބެހޭގޮތުން ސުވާލުކުރުމުން އޭނާ ދަތުރުކުރީ އިސްމާއިލް އަދި ސޮފްވަތު ބުނެގެން ކަމަށާއި އެމީހުން ހުޅުމާލޭ ފަޅުތެރެއަށް ޑިންގީއެއްގައި ބާލާފައިވާ ކަމަށް ބުނި ކަމަށް ހެކިން ހެކިބަސްދިނެވެ.
ހެކިން ބުނީ ދެން ފުލުހުން ހުޅުމާލެއަށް ދަތުރުކުރީ ދޯނީގެ ކެޕްޓަން ގޮވައިގެން ކަމަށާއި، ގޮސް ހުޅުމާލޭ ޖެޓީމަތީގައި ހުރި ސޮފްވަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
ސޮފްވަތު ހައްޔަރު ކުރީ ކޯޓު އަމުރެއް ނެތި ކަމަށް ހެކިބަސްދެމުން ފުލުހުން ބުންޏެވެ. އަދި ސޮފްވަތާ ސުވާލުކުރުމުން ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން އިސްމާއިލް މޫސާ މާލެއިން ހައްޔަރުކޮށްގެން ހުޅުމާލެއަށް ގެންގޮސް ދެމީހުންނާއި ސުވާލުކުރުމުން އެތަކެއްޗަކީ އެމީހުންގެ ތަކެތި ނޫން ކަމަށް ބުނެފައިވާ ކަމަށްވެސް ހެކިން ބުންޏެވެ.
އިސްމާއިލް އަދި ސޮފްވަތުގެ އިތުރުން ވައިލެޓް ދޯނީގެ ކެޕްޓަންގެ ހާޒިރުގައި މަސްތުވާތަކެތި ފެނުނު ޑިންގީ ދޫނިދޫއަށް ގެންގޮސް އެމީހުންގެ ހާޒިރުގައި ފަޅާލި އިރު އޭގެތެރެއިން ފޮތިގަނޑަކާއި ގޯންޏެއްގެ އިތުރުން ކޮމްބެޓް ޔުނިފޯމެއް ފެނުނު ކަމަށް ހެކިން ބުންޏެވެ. އަދި އޭގެ ދަށުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ހެކިން ބުންޏެވެ.
އެތަކެއްޗަކީ ކާކުގެ އެއްޗެއްތޯ އިސްމާއިލާއި، ސޮފްވަތުގެ ކައިރި އެހުމުން އެމީހުންގެ އެއްޗެއް ނޫންކަމަށް ބުނެފައި ވީނަމަވެސް ވައިލެޓް ދޯނީގައި ހަރަކާތްތެރިވި ބަންގްލަދޭޝް ތިން މީހުންނާއި ދޯނީގެ ކެޕްޓަން އެއީ އެދެމީހުންގެ އެއްޗެކޭ ބުނި ކަމަށްވެސް ހެކިން ބުންޏެވެ.
މިއަދު ނަގަން ހަމަޖެހުނު 12 ހެކިންގެ ތެރެއިން ހަ ހެކިންގެ ހެކިބަސް ނަގައި ނިމުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހެކިބަސް ނެގުމުގައި ގިނައިރުވާތީ ދެން އޮއްނަ ދުވަހަކުން ހެކިބަސް ނެގުމަށް ހަަމަޖެއްސީ ކަމަށެވެ.
ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެއައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.