09 Aug 2015, 22:29
ރާއްޖޭގެ ބައެއް ރަށްތަކަށް ލައްގަމުންދާ މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތައް ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި ލައްގަމުންދާ ކަމުގެ ރިޕޯޓުތަކެއް ލިބެމުންދާތީ އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ފުލުހުންނާއި އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީ އާއި އެ އޮތޯރިޓީ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެ އޮތޯރިޓީން ބުނީ މަތިންދާ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ތަކެތި ލެއްގި ކަމަށް ބުނާ ރަށްތަކަށް ދަތުރުކޮށް އެފަދަ ތަކެއްޗާއި ހަވާލުވެ އެތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގެއްލިގެން ހޯދަނީ މެލޭޝިއަން އެއާލައިންގެ އެމްއެޗް 370 ބޯޓު ކަމަށްވާތީ އަދި ރާއްޖެއަށް މިހާރު ލައްގާ ތަކެއްޗަކީ މަތިންދާ ބޯޓުގެ ނުވަތަ ބޯޓާ ގުޅުން ހުރި ބައިތަކަކަށް ވެދާނެތީ "އޮބްޖެކްޓްސް އޮފް އިންޓްރަސްޓް" ރާއްޖެއިން ފެންނަމުންދާ ކަމަށެވެ. އަދި އެތަކެއްޗާއި ބެހޭ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް އެ އޮތޯރިޓީގެ ފަރާތުން މެލޭޝިއަން އެއާލައިންއަށް އަންގާފައިވާނެ ކަމަށެވެ. އަދި މެލޭޝިއާއިން ބޯޓާއި ގުޅޭ ގޮތުން ކުރަމުން އަންނަ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ފެނިގެން ރިޕޯޓުކޮށްފައިވާ ތަކެތީގެ ފޮޓޯތައް މެލޭޝިއާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެކަމުގައި އެ އޮތޯރިޓީގެ ފަރާތުން އަމަލު ކުރަމުންގެންދާނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތުގެ މަތިން ކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ލައްގަމުންދާ މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތައް ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާއިރު، ކަނޑުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ބަނިއަން ޓްރީ ރިސޯޓަށް ލައްގާފައިވަނިކޮށް ވަނީ ފެނިފައެވެ. ނަމަވެސް ބައެއް ރަށްތަކަށް ލައްގަމުންދަނީ "ވޯލް ޕެނަލް" ޒާތުގެ އެއްޗެހި ތަކެއް ކަމަށް ކޮންސްޓުރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.