09 Aug 2015, 22:42
މާލެ އަތޮޅު ވަށްބިންފަރަށް ލެއްގި އެއްޗިއްސަކީ މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ބައެއް ބޭރުގެ ތަޖުރިބާކާރަކު ބުނެފި އެވެ.
އޭވިއޭޝަން ދާއިރާގެ އެކްސްޕާޓަކާ ހަވާލާދީ "ބިފޯ އިޓްސް ނިއުސް" ނޫހުން އިއްޔެ ބުނީ ވަށްބިންފަރު ރިސޯޓަށް ލެއްގި ބައިތަކަކީ މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"އަހަރެންނާއި އަހަރެންގެ ރައްޓެއްސަކާއި ދެ މީހުންނަކީ އޭވިއޭޝަން ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބައެއް. އަހަރުން އެ ފޮޓޯތައް ބަލައިފިން. އެއީ މަތިންދާ ބޯޓުގެ ބައެއް ކަމަށް ވަރަށް ބޮޑަށް އަހަރުންނަށް ގަބޫލުކުރެވޭ." ޖޭމްސް ހާޑީ ކިޔާ އެކްސްޕާޓަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
އޭނާ ބުނީ އެ ފްލައިޓް ދަތުރުކުރީ ތިރިން، އަދި މަޑު ދުވެލީގައި ކަމަށްވާ ނަމަ ރާއްޖެއާ ހަމައަށް ފޯރާ ވަރަށް ބޯޓުގައި ތެޔޮ ހުންނާނެ ކަމަށެވެ.
އެ ނޫހުން ބުނީ ބޯޓުގެ ބައިތަކުގެ ހަތަރު ފޮޓޯ ގަނޑު ޝާއިއުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ތަކެތި ތިލަފުއްޓަށް ގެންގޮސް ނައްތާލާފައިވާ ކަމަށް ރިސޯޓުން ބުނާ ކަމަށެވެ. ނަމަވެސް ބައެއް އެތިކޮޅުކޮޅު ފުލުހުން ވަނީ އެ ރަށަށް ގޮސް ހޯދައިގެން ގެންގޮސްފައި ކަމަށެވެ.
"އެތަނުން އެކެތި ކޮޅުގެ ސައިޒު 5 ނޫނީ 7 އިންޗި ވަރު ހުންނާނެ. ފުލުހުން ވަނީ އެ އެތިކޮޅު ގެންގޮސްފައި،" ރިސޯޓްގެ ޖެނެރަލް މެނޭޖަރާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
އެމްއެޗުގެ ބައެއް ރީ ޔުނިއަން އައިލެންޑަށް ވެސް ވަނީ ލައްގައިފަ އެވެ.
ރީޔުނިއަނުން ފެނުނު މަތިންދާބޯޓުގެ ފިޔަގަނޑާ ގުޅޭ ގޮތުން މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަކެއްޗަކީ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.