12 Mar 2011, 13:41
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޮރިޝަސްގެ ރައީސް ސާ އަނުރޫދު ޖަގްނައުތާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މޮރިޝަސްގެ ރައީސްގެ ރަސްމީގެ، ސްޓޭޓް ހައުސްގައި، ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި މޮރިޝަސްއާ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ކަނޑުގައި ހިމެނޭ ޖަޒީރާ ޤައުމުތަކުގެ މެދުގައި ޚާއްޞަ ގޮތެއްގައި އެއްބާރުލުން އިތުރު ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި މި ޤައުމުތައް ގުޅިގެން، ހުރިހާ ޤައުމުތަކެއްގެ ތަރައްޤީއަށްޓަކައި އެކުގައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޮރިޝަސްގެ ރައީސް އަނުރޫދު ޖަގްނައުތު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް ޑިމޮކްރަސީ ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅަށާއި އަދި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މިހާރު ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ޝަރަފުގައި މޮރިޝަސްގެ ބޮޑުވަޒީރު ޑރ. ނަވިންޗަންދްރަ ރާމްގޫލަމްގެ ދެކަނބަލުން ރޭ ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސްގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގަތީ އިއްޔެ ހެނދުނު އެވެ. އެ ދެކަނބަލުންނަށް މޮރިޝަސްގެ ސާ ސީވޫސާގުރ ރާމްގޫލަމް އިންޓަރނޭޝަނަލް އެއަޕޯޓުން މަރުޙަބާ ވިދާޅުވީ، މޮރިޝަސްގެ ބޮޑުވަޒީރު ޑރ. ނަވިންޗަންދްރަ ރާމްގޫލަމްގެ ދެކަނބަލުންނާއި، މޮރިޝަސް ސަރުކާރުގެ އިސްވެރިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.